ޚަބަރު

މިއީ ދަތިހާލަތެއް، ބޭސްފަރުވާއަށް ފައިސާގެ ދަތިކަމެއްނެތް: އާސަންދަ


ކޯވިޑް-19 އާއި ގުޅިގެން އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ދަތިހާލަތުގައިވެސް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް އެއްވެސް ދަތިކަމެއް ނެތްކަމުގައި އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ. އާސަންދަ ސްކީމުގެ ދަށުން ނިމިގެންދިޔަ 2020 ވަނަ އަހަރު 2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ އާސަންދަ ކުންފުނީގެ ފަރާތުން ދަނީ މިޚިދުމަތް ފުޅާކޮށް ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާސަންދައިގެ ދަށުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކޮށް، އިތުރުކުރުމަށްޓަކައި ދިމާވާ ގޮންޖެހުންތަކާއިއެކުވެސް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދިނުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒެވެ. ކޯވިޑް-19 އާއި ގުޅިގެން ދިމާވި އިޤްތިޞާދީ ދަތި ހާލަތުގައިވެސް ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ އެއްވެސް ދަތިކަމެއްނެތި ސަރުކާރުންވަނީ ފޯރުކޮށްދެއްވާފައެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ އިޤްތިޞާދީ ގޮތުން ދިމާވި ދަތި ހާލަތުގައިވެސް އާސަންދައަށް އެއްވެސް ދައްޗެއް ކުރިމަތިނުވާކަމަށެވެ. ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށް ދިނުމަށް ނިމިދިޔަ އަހަރުގައިވެސް 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އާސަންދައިން ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ފޮނުވަން އެއްވެސް ދައްޗެއްނޫން. އެހެން ނަމަވެސް ޤައުމަށްދަތި ދަނޑިވަޅުގައި ހުރިހާ އެންމެންނަށްވެސް ދަތިވާނެ. އެހެންނަމަވެސް އާސަންދައިގެ މިޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވައޭ. އަޅުގަނޑުމެންގެ ފާމަސީތަކަށް ބޭސްދޫކުރުމާއި، ރައްޔިތުންނަށް ބޭސްކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމާއި، ޑޮކްޓަރުންގެ ފީއާއި، ބޭހާއި ޓެސްޓުތަކުގެ ފީއާއި، ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ ހޯދުމަށް މިހުރިހާކަމެއް އަޅުގަނޑުމެންނަށް އާސަންދައިން ފޯރުކޮށްދިނުމަށް އެއްވެސް ދަތިކަމެއްނެތި ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން." އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ އާސަންދައިގެ ދަށުން ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން ނިމިދިޔަ 2020 ވަނަ އަހަރު 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2019 ވަނަ އަހަރު 2.36 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރު ކުރި ޚަރަދުތައް:

* ސަރުކާރު ހިއްސާވާ ހޮސްޕިޓަލުތަކަށް 914 މިލިޔަން ރުފިޔާ
* އަމިއްލަ ހޮސްޕިޓަލްތަކަށް 279 މިލިޔަން ރުފިޔާ
* ކްލިނިކްތަކަށް 83 މިލިޔަން ރުފިޔާ
* ބޭރުގެ ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދެއްކުމަށް 252 މިލިޔަން ރުފިޔާ
* އެއަރލައިންތަކުން އާސަންދައިގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދު 75 މިލިޔަނަށް އަރާ
* އައިނު ހެދުންފަދަ އޮޕްޓިކަލް ޚިދުމަތްތަކަށް 19 މިލިޔަން ރުފިޔާ
* ފާމަސީތަކަށް 731 މިލިޔަން ރުފިޔާ

2020 ވަނަ އަހަރު ކުރި ޚަރަދުތައް:

* ސަރުކާރު ހިއްސާވާ ހޮސްޕިޓަލުތަކަށް 738 މިލިޔަން ރުފިޔާ
* އަމިއްލަ ހޮސްޕިޓަލްތަކަށް 235 މިލިޔަން ރުފިޔާ
* ކްލިނިކްތަކަށް 75 މިލިޔަން ރުފިޔާ
* ބޭރުގެ ހޮސްޕިޓަލުތަކަށް ޑޮކްޓަރަށް ދެއްކުމަށް 121 މިލިޔަން ރުފިޔާ
* އެއަރލައިންތަކުން އާސަންދައިގެ އެހީތެރިކަން ފޯރުކޮށްދީފައިވާ އަދަދު 53 މިލިޔަން އަރާ
* އައިނު ހެދުންފަދަ އޮޕްޓިކަލް ޚިދުމަތްތަކަށް 15 މިލިޔަން ރުފިޔާ
* ފާމަސީތަކަށް 740 މިލިޔަން ރުފިޔާ

އާސަންދަ ކުންފުނިން ވިދާޅުވީ މިހާބޮޑު ހޭދައެއް ދައުލަތުން ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާއިރު، ބޭކާރު ނުވާނޭހެން މިޚިދުމަތް ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. ޚާއްސަކޮށް ނަގާ ބޭސްތަކަކީ އުކާލާ ބޭސްތަކަށް ނަހައްދަވައި، ބޭނުންތެރި އެއްޗަކަށް ހަދަންޖެހޭކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ކުރާ މަސައްކަތް ތަންފީޒު ކުރުމުގައި ދޭންޖެހޭ އެއްބާރުލުން ދިނުންކަމަށާއި، އެކަމުގައި އަބަދުވެސް ކުންފުނީގެ އެެއްބާރުލުން ލިބިގެންދާނެކަމަށެވެ.