ސިޔާސީ

ރާއްޖެއާއި ޗައިނާއާ ދެމެދު މުހިއްމު މަޝްވަރާތަކެއް މާދަމާ ބާއްވަނީ


ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލެޓްރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބައްދަލުވުން މާދަމާ އޮންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޯވިޑް-19އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާބެހޭ ގޮތުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޯވިޑް-19އިން އަރައިގަނެ، އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުންނާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާބެހޭ ގޮތުންވެސް މަޝްވަރާކުރެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޗައިނާފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށްހުރި ޕްރޮޖެކްޓްތަކާބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިގޮތަށް ބާއްވަމުންދާ ބައިލޭޓަރަލް ބައްދަލުވުންތައް ވެފައިވަނީ ދެޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވަރޗުއަލްކޮށެވެ.