ޚަބަރު

ގިނަ ދުވަސްތަކަކަށްފަހު ދިއްދޫގެ ކުނިގޮނޑު ސާފުކޮށްފި


ދިއްދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެކަށީގެންވާ ގޮތުގައި ކުނި މެނޭޖުކުރެވޭނެ ގޮތެއް ނެތް އިރު އެންމެ އެދެވޭ ގޮތުގައި ކުނިކޮށި ބަލަހައްޓަމުން ނުދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ސިއްހީ މައްސަލައެއްވެސް މެއެވެ.

ކުނީގެ މައްސަލައަކީ ދިއްދޫއަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ހާޝިމް ވިދާޅުވީ ކުނިކޮށި އޮންނަ ހިސާބަކީ ރައްޔިތުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ކުނި ނައްތާލުމަށްޓަކައި އާންމުކޮށް ކުނި މެނޭޖުކުރަމުން ދަނީ އަންދައިގެން ކަމަށެވެ. ނަމަވެސް ކުނި އެންދުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑެތި އުދަނގުތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. މިކަމުގެ ޝަކުވާވެސް ކައުންސިލަސް ލިބެމުންދާކަމަށް ހާޝިމްވަނީ ވިދާޅުވެފައެވެ.

ދިއްދޫގެ ފުރިފައިވާ ކުނިގޮނޑު ނަގާ ސާފުކުރުމުގެ މަސައްކަތް އެރަށު ކައުންސިލްއާއި ވެމްކޯއާއި ގުޅިގެން ކުރަމުން އަންކަމަށާއި މިމަސައްކަތަކީ ކައުންސިލްގެ އެދުމުގެ މަތިން ވެމްކޯއިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ހާޝިމް ވަނީ ފާހަގަކުރައްވާފައެވެ. ކުނިކޮށީގެ އިތުރުން ރަށުގެ އެހެން ސަރަހައްދުތަކުގައި ހުރި ކުނި ނެގުމުގެ މަސައްކަތްވެސް ވެމްކޯއިން ކުރަމުންދާކަމަށާއި މިދިޔަ ހަފްތާފެށި މިމަސައްކަތުން 300 އެއްހާ ޓަނުގެ ކުނި ދިއްދޫއިން ނެގިފައިވާނެކަމަށެވެ. ދިއްދޫއިން ނަގާ ކުނިތައް ރައްކާތެރިގޮތެއްގައި ނައްތާލުމަށްޓަކައި ގެންދިޔުމަށް ނިންމާފައިވަނީ ތިލަފުއްޓަށެވެ.

ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް ހާޝިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުން ކައުންސިލްއަށް ދީފައިވާ އެހީގެ ދަށުން ކަމަށެވެ. މިކަން ދާއިމީ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މިމައްސަލައަށް އޮތް ދާއިމީ ހައްލުކަމުގައިވެސް ހާޝިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުނި ގޮނޑު ބެލެހެއްޓުމަށް މުއައްޒަފުން ހޯދާނެކަމަށާއި ކުނިގޮނޑަށް ކުނި އެޅުމަށް ވަކި ގަޑިތަކެއްވެސް ކަނޑައަޅާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މިކަމަށް ދާއިމީ ހައްލެއް ލިބެންދެން ދިއްދޫގެ ކުނި މެނޭޖްކުރުމަށްޓަކައި ކައުންސިލުގެ ވިސްނުން ހުރީ ކުނި ގޮނޑުފުރުނީމަ ކުނި އެންދުމުގެ ބަދަލުގައި ކޮންމެ ދުވަހަކުވެސް އެދުވަހަކު އުފެދޭ ކުނި އަންދާލުމެވެ. މިކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ކޮންމެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެކަމަށް ކައުންސިލުން ދެކެއެވެ.