ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވް މީހަކު ފެނިގެން މ.ކޮޅުފުށި މޮނިޓަރިންގއަށް


ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިއެވެ.

ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންކަމަށެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ކޮޅުފުށިން މާލެ އައިތާ 2ވަނަ ދުވަހު އޭނާގެ ކިބައިން ޢަލާމާތްތަކެއް ފެނިގެން ހެދި، ޓެސްޓު ޕޮޒިޓިވްވެފައި ވާތީކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

މޮނިޓަރިންގެ ޙާލަތަށް ގެނައުމާ ގުޅިގެން ކޮޅުފުށްޓަށް މީހުން އަރައިފޭބުން ވަގުތީގޮތުންވަނީ މަނާކޮށްފައެވެ. ކޮޅުފުއްޓަކީ 1400އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ކޯވިޑް19އާ ގުޅިގެން މިވަގުތު އިތުރު ދެރަށެއްވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އެއީ ގއ.ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން ދެއްވަދޫއާއި އެއަތޮޅު ދާންދުއެވެ.