ޚަބަރު

ކޯވިޑް19: ދެމަސް ދުވަހަށްފަހު، އަނެއްކާވެސް ޕޮޒިޓިވް ޢަދަދު 100އިން މައްޗަށް


ދެމަސް ދުވަހަށްފަހު، އެއް ދުވަހުގެތެރޭގައި ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 100އިން މައްޗަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަދުވަނީ 108މީހުން އަލަށް ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 108 މީހުންގެ ތެރޭގައި އެންމެ ގިނައީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ޕޮޒިޓިވްވީ 79 މީހުންނެވެ. ދެން ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 5 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 23 މީހުންނާއި ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 14993އަށް އަރާފައެވެ. އެންމެފަހުން ރާއްޖެއިން އެއްދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 100އިން މައްޗަށް އަރާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. އަނެއްކާވެސް 100އިން މައްޗަށް ކޭސްތަކުގެ އަދަދު އަރާފައި މިވަނީ ބަރާބަރު 2 މަސްދުވަސް ފަހުންނެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00އާއި ހަމައަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 36 މީހުންނެވެ. ކޯވިޑް-19 ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 13849 މީހުންނެވެ.

ރާއްޖޭގައި ކޯވިޑް-19 ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 1086އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މިހުންގެ ޢަދަދުވަނީ 80އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ކޯވިޑް-19އަށް ޓެސްޓު ހެދުމަށް 3256 ސާމްޕަލްވަނީ ނަގާފައެވެ. މިހާތަނަށް 385،711 ސާމްޕަލް ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓުކޮށްފައިވެއެވެ.

މި ބަލީގައި ރާއްޖެއިންވަނީ މިހާތަނަށް 51 މީހުން ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 43 ދިވެހިންނާ 8 ބިދޭސީންނެވެ.