ވިޔަފާރި

ދިވެހި ރުފިޔާއަށް ޚާއްސަ ނިޝާނެއް ބޭނުންކުރަން ފަށަނީ


ދިވެހި ރުފިޔާއަށް ޚާއްސަ ނިޝާނެއް ބޭނުންކުރަން ފެށުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.
ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ ފުރުސަތު އެމްއެމްއޭއިން މިހާރުވަނީ ހުޅުވާލާފައެވެ.

ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް އަންނަނީ ބޭނުންކުރަމުންނެވެ. މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ. ދިވެހިރާއްޖޭގައި ވެސް މި ފަދަ ނިޝާނެއް ހެދުމަށް މުބާރާތެއް ބޭއްވުމަށް އެމްއެމްއޭއިން ނިންމާފައިވާއިރު، މި ނިޝާން ފަރުމާކުރުމަށް ޝައުގުވެރިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވިދާޅުވީ މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 21 ފެބުރުއަރީއެވެ. މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވާލި މުހިންމު ފުރުސަތެކެވެ.

ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށާއި ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންވާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ފަނޑިޔާރުން ޕްރޮޕޯސަލްތައް އިންސާފުކުރުމުގައި ބަލާނެ ބައެއް ކަންތައްތަކުގެތެރޭގައި ފަރުމާކޮށްފައިވާ ޑިޒައިނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭ މިންވަރާއި، ތަފާތު ފޮންޓްތަކާއި ފޮންޓް ސްޓައިލްތަކާ އެކު ނިޝާން ބޭނުންކުރުމަށް އެކަށީގެންވާ މިންވަރު ނަންބަރުތަކާއި ލިޔުމުގައި ބޭނުންކުރާ އެހެނިހެން ކެރެކްޓަރތަކާ އެކު ބޭނުންކުރުމަށް އެކަށީގެންވާ މިންވަރުގެ އިތުރުން އެހެން ޤައުމުތަކުގެ ފައިސާގެ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ހަމަތަކަށް ފެތޭ މިންވަރު ހިމެނެއެވެ.