ވިޔަފާރި

ފެލިވަރުގެ މަސައްކަތަށް ކޮންޓެއިނަރ އުފުލާ ވެހިކަލެއް


ފެލިވަރު މަސް ބަންދުކުރާ ކާރުކާނާއިން ކުރިއަށްގެންދާ މަސްކިރުވުމުގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ކޮންޓެއިނަރ އުފުލާ ވެހިކަލެއް ފެލިވަރަށް ގެންގޮސްފިއެވެ.

މިފްކޯއިން އެރަށަށް ގެންގޮސްފައިވަނީ ރީޗް ސްޓެކަރއެކެވެ. މީގެ ވެހިކަލްތަކަކީ އެއް ކޮންޓެއިނަރ އަނެއް ކޮންޓެއިނަރގެ މައްޗަށް ބަރުކުރުމުގައި ބޭނުން ކުރާ ވެހިކަލެކެވެ.

މިފްކޯއިން ވިދާޅުވީ ފެލިވަރުން މަސް ކޮންޓެއިނަރުތައް ބޭރުކުރާއިރު ދިމާވާ މައްސަލަތައް ޙައްލުޔވެ ގިނަ އަދަދެއްގެ ކޮންޓެއިނަރ އެއް ފަހަރާ ބޯޓަށް އެރުވޭނެ މަގު މިވެހިކަލްގެ ސަބަބުން ފަހިވެގެންދާނެކަމަށެވެ.

ފެލިވަރަކީ މިފްކޯގެ މަސް ފެކްޓްރީ ހިންގަމުންދާ ސިނާޢީ ރަށެކެވެ. ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ރަނގަޅު ބަނދަރެއް ނެތުމުގެ ދަތިކަން ބޯޓުފަހަރާއި އޮޑިފަހަރަށްވަނީ ކުރިމަތިވެފައެވެ.

ފެލިވަރުގައި އިތުރު ފެސިލިޓީތަށް ޤާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ދާދިފަހުންވަނީ އެޓީސީސީއާ ހަވާލުކޮށްފައެވެ. މިމަސައްކަތް ހަވާލުކޮށްފައިވާނީ އެއް އަހަރުދުވަހުގެތެރޭގައި ނިންމުމަށެވެ.