ޚަބަރު

ޤުރްއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހުޅުވަން ހުއްދަދީފި


ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައި ހިންގުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފިއެވެ. އެމިނިސްޓްރީން މި ހުއްދަ ދީފައިވަނީ ކޯވިޑް-19ގެ ޙާލަތާގުޅިހެން ގިނަދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހުންނެވެ.

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކުލާސްތައް ހުޅުވުމުގެ ހުއްދަ ދިންކަން ހާމަކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް މިދިޔަ އހަރުގެ މާޗްމަހު ހިސާބުގައި ސްކޫލްތަކާއެކު ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ ކިޔެވުންވެސް މެދު ކަނޑާލިއެވެ. އަދި ގާތްގަޑަކަށް ދޮޅުމަހަށްފަހު މި ތަންތަން މިމަހުގެ 10ވަނަ ދުވަހު ސްކޫލްތަކާއެކު ބައެއް ޤުރުއާން ކްލާސްތައް ހުޅުވައި ޚިދުމަތް ދޭންފެށިއެވެ. ނަމަވެސް އެޗްޕީއޭގެ އެދުމާއެކު އެތަންތަން އަލުން ބަންދުކުރިއެވެ.

ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކަށް އަމަލު ކުރުމަކީ މުހިންމު ކަމެކެވެ. މިގޮތުން އެތަންތަނުގައިވެސް ގައިދުރުކޮށް ކިޔަވާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި އެ ތަންތަން ޑިސްއިންފެކްޓް ކުރުމާއި އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިންތިޒާމްވެސް ހަމަޖެއްސުމަކީ މުހިއްމުކަމެކެވެ. އަދި ދަރިވަރުން މިތަންތަނަށް ކިޔަވަންދާއިރުވެސް މާސްކް އަޅެމަކީވެސް މުހިއްމުކަމެކެވެ.
ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތިތަކާއެކު ޒާކާތު ފަންޑުންވަނީ އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކުގެ އިތުރަށް ޤުރުއާން ކްލާސްތަކަށްވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އެހީއަށް އެދުނު 25 ޕްރީ ސްކޫލްއަކަށް 1މިލިޔަން ރުފިޔާގެ ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި 23 ޤަރުއާން ކްލާހަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ.

ކޯވިޑް-19އިން ރާއްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަލޫތަކުގެ ތެރޭގައި ސްކޫލްތައް ބަންދުކޮށް މާލެ ސަރަހައްދުގައި ކިޔަވާދީފައިވަނީ މަތީ ގްރޭޑްތަކަށެވެ. ނަމަވެސް އަތޮޅުތަކުގައި ފުރަތަމަ ޓާމްގެ ކިޔެވުން ނިމެންދެން 1 އިން 12ގެ ދަރިވަރުންނަށް ކިޔަވައިދިނެވެ. އަދި މާލޭ ސަރަޙައްދުގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުން ހިމެނޭހެން އަލުން މިމަހުގެ 10 ވަނަ ދުވަހު ކިޔެވުން ފަށާފައިވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކުގައެވެ.