ޚަބަރު

ދޫނިދޫގައި ފުލުހުންނަށް ޚާއްސަކޮށްގެން އަޅާ އައު އެކަމަޑޭޝަން އިމާރާތުގެ ބިންގާ އަޅައިފި


ފުލުހުންނަށް ޚާއްސަކޮށްގެން ދޫނިދޫގައި އަޅާ އައު އެކަމަޑޭޝަންގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ އައު އެކަމަޑޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށް ވިދާޅުވިއެވެ. އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ގާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަންމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ގާއިމްވެ، ހާސިލްވެފައިހުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއި ފަސޭކަމެއް ގެނެސްދީ، މަސައްކަތަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ އިމާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާ ތަރައްގީކުރުމަށާއި މުއައްސަސާގެ އުމްރާނީ ތަރައްގީއަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ މަޤްސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ކޮންމެ ފުލުހެއްގެ އެންމެ އިސް ލަނޑުދަނޑިއަކަށް ވާންޖެހޭނީ ރައްޔިތުން ފުލުހުންގެ ޚިދުމަތަށް ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށާއި އެ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މިއަދު ބިންގާ އެޅިގެންދާ މި އިމާރާތަކީ ވަރަށް ބޭނުންތެރި އިމާރާތެއްކަމަށާއި މިއިމާރާތުގެ ސަބަބުން މުވައްޒަފުންގެ ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ދޫނިދޫގައި އަލަށް އިމާރާތްކުރާ އެކަމަޑޭޝަން އިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނެއެވެ.

ފުލުހުންނަށް ޚާއްސަކޮށްގެން ދޫނިދޫގައި އަޅާ އައު އެކަމަޑޭޝަންގެ އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.