ވިޔަފާރި

ބޯޑަރ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް 176 ފަތުރުވެރިން ބައިވެރިވެއްޖެ


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި މިހާތަނަށް 176 ފަތުރުވެރިން ރަޖިސްޓްރީކޮށްފައިވާކަމަށް މޯލްޑިވްސް އިމިޤްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގުރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް އެއްފަހަރަށްވުރެ ގިނަފަހަރު ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއެޅުމެވެ. އަހަރު ފެށުމާއިއެކު ބޯޑަރ މައިލްސް ޕްރޮގްރާމް ފަށައި ފަތުރުވެރިންނަށް ޕޮއިންޓް ދޭންފަށާފައިވާއިރު މިހާތަނަށް މި ޕްރޮގްރާމްގައި 176 ފަތުރުވެރިން ބައިވެރިވެފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ. އަނަންތަރަ އަދި އަބާރަނަ އަށް އާދެވުމުން ފަތުރުވެރިންނަށް އިމިޤްރޭޝަންގެ ކައުންޓަރުތަކުގައި މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު އިމިޤްރޭޝަން ކްލިއަރެންސް ހެދޭނެއެވެ.

މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ވަނީ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިހާރު ބައެއް ފެސިލިޓީތަކުން މި ޕްރޮގްރާމްގައި ބައިވެރިވެސް ވަނީ ވެފައެވެ.