ވިޔަފާރި

ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން- މައުސޫމް


ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލުމަށްޓަކައި އަންނަމަހުގެ ތެރޭގައި ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށަަށްދާނަމަ 10 ދުވަހުގެ ކަރަންޓީނެއް މިހާރު ފުރިހަމަކުރަންޖެހެއެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ވަނީ ހުއްޓިފައެވެ. ކޯވިޑް19ގެ ކުރިން ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރަންދާ ދިވެހިން ގިނައެވެ. ނަމަވެސް ކޯވިޑް19 އާއިއެކު މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭގޮތަށް ކަނޑައަޅާފައި އޮތުމުގެ ސަބަބުން ޑޮމެސްޓިކް ފަތުރުވެރިކަން ވަނީ އެއްކޮށް ހުއްޓިފައެވެ. ގެސްޓްހައުސްތައް ހުޅުވާލާ ޙިދުމަތްދޭން ފެށި ނަމަވެސް ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކުރަން ދެވެނީ ހަމައެކަނި ފަތުރުވެރިންނަށެވެ.

ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ފަށަންވީ ވަގުތުކަމަށެވެ. އަދި އެއީ އިޖްތިމާއީ ގޮތުންނާއި އިޤްތިޟާދީގޮތުންވެސް މިވަގުތައް ބޭނުންތެރިކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭ ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލުމާއި ބެހޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަސްވަރާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޑޮމެސްޓިކް ފަތުރުވެރިކަން ހުޅުވާލިނަމަވެސް އެކަންކުރާނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ދާދިފަހުން ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން ދިއުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލާފައެވެ. ނަމަވެސް ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން ދިއުމަކީ ކޮންމެ ކޮންމެ މީހަކަށް މާލީގޮތުން ފަސޭހަކަމެއްނޫނެވެ.

ކޯވިޑް19ގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއްއައިސް ގިނަ ބަޔަކަށް ވަނީ ހާސްކަން ވެރިވެފައެވެ. އެހެންކަމުން ގެސްޓްހައުސްތަކަށް ދިއުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިއުންވެގެންދާނީ ގިނަބަޔަކަށް މިކަމުން ފަސޭހަތަކެއް ލިބި އުފާވެރިކަން ގެނެސްދޭނެކަމަކަށެވެ.

ޓޫރިޒަމް މިނިސްޓްރީން ރާއްޖޭގެ ގެސްޓްހައުސްތައ ހުޅުވުމުގެ ހުއްދަ ދީފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖޭގެ 264 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އަދި މިހާތަނަށް 141 ރިސޯޓެއް އަންނަނީ އަލުން އޮޕަރޭޓްކުރަމުންނެވެ.