އިޓާލިއަން ސެރީއާގައި ތާވަލްގެ ދެވަނައިގާ އުޅޭ އިންޓަރ މިލާނާއި އުދިނޭސޭ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. އުދިނޭސޭގެ ޑާސިއާ އެރީނާގައި ކުޅުނު މިމެޗްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
މިމެޗްގައި އިންޓަރއިން އުފެއްދި ނުރައްކާތެރި ދެތިން ހަމަލާވަނީ އުދިނޭސޭގެ ކީޕަރ ހުއާން މޫސޯ ދިފާއުކޮށްފައެވެ. މިމެޗްގައި އިންޓަރއިން ނުރައްކާތެރި ދެތިން ހަމަލާ އުފެއްދި ނަމަވެސް އުދިނޭސޭ ބަލިކުރެވޭވަރަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ.
ތާވަލްގެ އެއްވަނައިގާ އުޅޭ އޭ.ސީ. މިލާން އެޓީމް ރޭ ކުޅުނު މެޗުން ބަލިވުމުން، ރޭ އިންޓަރ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރި ނަމަ ޖަހާފައިވާ ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނައަށް، އެރުމުގެ ފުރުސަތުއޮތެވެ. ނަމަވެސް މިމެޗް އެއްވަރު ވުމުން ސީޒަން ދެބައިވިއިރު ތާވަލްގެ އެއްވަނައަށް އަރާ ވިންޓަރ ޗެމްޕިއަންގެ ލަގަބު ހޯދުމަށް އިންޓަރއަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ
.
އިންޓަރއަށް މިހާރު ލިބިފައިވަނީ ކުޅުނު 19 މެޗުން 41 ޕޮއިންޓެވެ. އަދި އުދިނޭސޭ އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ތާވަލްގެ ތިންވަނައިގާ އުޅޭ އޭ.އެސް. ރޯމާ އާއި ސްޕެޒިއާ ބައްދަލުކުރިމެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ރޯމާއެވެ. އަދި ފިއޮރެންޓީނާ އާއި ކްރޮޓޯނޭ ބައްދަލުކުރިމެޗް 2 ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ފިއޮރެންޓީނާއެވެ.