ކުޅިވަރު

އިނގިރޭސި އެފް.އޭ. ކަޕްގެ ފަސްވަނަ ބުރުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފި


އިނގިރޭސި އެފް.އޭ. ކަޕްގެ ހަތަރު ވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީ އާއި ލީގު ޓޫއަށް ނިސްބަތްވާ ޗެލްޓެންހަމް ޓައުން ބައްދަލުކުރި މެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ޗެލްޓެންހަމްގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.

ގިނަ ބަދަލު ތަކަކާއެކު ކުޅެން ނުކުތް ސިޓީއަށް މިމެޗް ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށެވެ. އަދި ހިތްވަރާއެކު މަސައްކަތް ކުރަމުންދިޔަ ޗެލްޓެންހަމްގެ ކުޅުންތެރިން ދައްކަމުންދިޔަ ކުޅުމާހެދި ސިޓީގެ ކުޅުންތެރިންނަށް މިމެޗްގައި ރަނގަޅަށް ކުޅެވުނު ތަނެއް ނުފެނުނެވެ. އަދި މެޗް ނިމެން ނުވަ މިނެޓަށް ވީއިރުވެސް ކުރީގައި ޗެލްޓެންހަމް އޮތުމުން ފަހުގެ ތާރީޚުގައި އެފް.އޭ. ކަޕްގައި ނުކުންނާނެ އެންމެ ހައިރާން ކުރުވަނިވި ނަތީޖާ ނުކުމެދާނެކަމަށް ހީކުރެވިގެންވެސް ދިޔައެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީން ނުރައްކާތެރި ހަމަލާތަކެއް ޗެލްޓެންހަމްގެ ގޯލަށް އަމާޒު ކުރި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޗެލްޓެންހަމްގެ ކެޕްޓަން ބެން ޓޯޒަރ އެއްލި ދިގު އެއްލުމަކުން ކާމިޔާބުކޮށްދިނީ އެޓީމްގެ އަލްފީ މޭއެވެ. މިލަނޑާއެކު އެންމެނަށް ބޮޑު ހައިރާން ކަމެއް ލިބިގެންދިޔައެވެ. އަދި ނަތީޖާއަކަށްވީ ސިޓީގެ ބެންޗުގައި ތިބި އެޓީމްގެ ފުރަތަމަ އެގާރައިގަ ހިމެނޭ ބައެއް ކުޅުންތެރިން ކުޅެން ނެރުމެވެ. އެގޮތުން ރުބެން ޑިއާސް، އިލްކައި ގުންޑޮގާން، ޖޯއޮ ކަންސޭލޯ ކުޅެން އެރުވިތަން ފެނުނެވެ.

މިމެޗްގައި ސިޓީން އެއްވަރު ކުރި ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޯޑެން އެވެ. އަދި އޭގެ ތިން މިނެޓްފަހުން ސިޓީއަށް ލީޑު ނަގާދިނީ ގެބްރިއަލް ޖޭސުސް ޖަހާދިން ލަނޑުންނެވެ. އަދި އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ޖަހާދިނީ ފެރާން ޓޯރޭސްއެވެ.

މިކާމިޔާބީއާއެކު ސިޓީ ފަސްވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ފަސްވަނަ ބުރުގައި އެޓީމް ބައްދަލުކުރާނީ ސްވަންސީ ސިޓީ އާއެވެ.