ވިޔަފާރި

ފުރަބަންދު ނިމުމުން އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީއަށްދާން ބޭނުންވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ


އިނގިރޭސިވިލާތުގައި މިހާރު އޮތް ފުރަބަންދުގެ ދުވަސްތަކަށްފަހު އެޤައުމުގެ މީހުން ޗުއްޓީއަށްދާން އެންމެ ބޭނުންވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޓްރެވަލް ސްޕާމަރކެޓުން ކުރިއަށްގެންދިޔަ މި ދިރާސާގައި ވަނީ ފަތުރުވެރިކަމުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އަގުތަކާއި ގުޅޭ މައުލޫމާތު ލިބޭ ވެބްސައިޓުތަކުން، އިނގިރޭސިވިލާތުގެ ރައްޔިތުން ޗުއްޓީއަށް ދިޔުމަށްޓަކައި މި ޖެނުއަރީމަހުގެތެރޭ މައުލޫމާތު އޮޅުން ފިލުވާފައިވާ މަންޒިލްތަކުގެ މައުލޫމާތު އެއްކޮށްފައެވެ. އެގޮތުން މައުލޫމާތު އެއްކޮށްފައިވަނީ މިއަހަރު މޭ މަހުގެ 1 އިން އޮކްޓޯބަރުމަހުގެ 31ވަނަ ދުވަހާއި ހަމައަށް ޗުއްޓީއަށް ދިޔުމަށް މައުލޫމާތު ހޯދާފައިވާ މަންޒިލްތަކާއި ބެހޭ މައުލޫމާތުތަކެވެ. ޓްރެވަލް ސްޕަރމަރކެޓުން އެއްކުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޤައުމުތަކުގެ ލިސްޓެއް ވަނީ އެކުލަވާލާފައެވެ.

މި ލިސްޓުގެ ތިންވަނައަށް ރާއްޖެ އައިސްފައިވާއިރު، ލިސްޓުގެ އެއްވަނަ ލިބިފައިވަނީ ގްރީސްގެ ޖަޒީރާ ރަށެއްކަމަށް ކުރީޓުއެވެ. ލިސްޓުގެ ދެވަނަ އަށް ހޮވިފައިވަނީ ސްޕެއިންގެ ޓްނެރީފްއެވެ.

މި ހުރިހާ މަންޒިލްތަކަކީވެސް ޖަޒީރާ މަންޒިލްތަކެވެ. މިއާއެކު އެނގިގެންދާ ކަމަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލީ މޫދާއި، ގޮނޑުދޮށްތައް ހިމެނޭ މަންޒިލްތައް ކަމެވެ.

ޓްރެވަލް ސްޕާމަރކެޓުގެ ދިރާސާއިން ދައްކާގޮތުން އިނގިރޭސިވިލާތުގައި އޮތް ފުރަބަނދުގެ ދުވަސްތައް ނިމޭނެ ދުވަހެއް ނޭގުނު ނަމަވެސް، އެޤައުމުގެ ރައްޔިތުންގެ އުއްމީދަކީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ޤައުމުން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލަން ދެވުން ކަމަށެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެގޮތުން ހުސްވި އަހަރުތެރޭ ރާއްޖެއަށް އިނގިރޭސިވިލާތުން 52720 ފަތުރުވެރިން އައިސްފައިވެއެވެ.