ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ވަޒީފާ ނެތް މީހުންނަށް ދޭ އިނާޔަތް ހޯދާ މީހުންގެ ޢަދަދު ދަށަށް

އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވަޒީފާ ނެތް މީހުންނަށް ސަރުކާރުގެ ފަރާތުންދޭ ފައިސާ މިދިޔަ ހަފުތާގައި ހޯދީ 900000 މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޭގެ ކުރީ ހަފުތާތަކާއި އަޅާބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި ވަޒީފާއެއް ނެތް މީހުންނަށްދޭ ފައިސާ ހޯދާ މީހުންގެ ޢަދަދު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާ ނަމަވެސް އެ ޢަދަދަކީ އަދިވެސް ވަރަށް މަތީ ޢަދަދެކެވެ. އެ ޢަދަދުން ކޯވިޑް-19ގެ ސަބަބުން އަދިވެސް އެތައް ވަޒީފާއެއް ގެއްލެމުންދާކަން ދައްކުވައިދެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ލޭބާއިން މި ހަފުތާގައި ނެރުނު ރިޕޯޓެއްގައި ބުނީ މިވަގުތު 5.1 މިލިއަން މީހުން ވަޒީފާއެއް ނެތުމުގެ ސަބަބުން ސްޓޭޓުތަކުގެ ސަރުކާރުތަކުން ދޭ އެހީތެރިކަން ހޯދަމުންދާކަމަށެވެ. މިދިޔަ ހަފުތާގައި އެ ޢަދަދުހުރީ 5.2 މިލިއަންގައެވެ. އެ ޢަދަދުން ދޭހަކޮށްދެނީ އެއްބައި މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވެމުންދާކަމަށާއި އަނެއްބައި މީހުންނަށް ސަރުކާރުން ދެމުންދާ އެހީތެރިކަމުގެ އެންމެ މަތީ މިންވަރު ހަމަވެ، ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން ޕްރޮގުރާމުތަކުގައި ބައިވެރިވަމުންދާކަމެވެ.

މުއްދަތު އިތުރުކޮށްފައިވާ އެހީތެރިކަމުގެ ޕްރޮގުރާމުތަކުގެ ދަށުން 10 މިލިއަނަށްވުރެ ގިނަ މީހުންނަށް މިވަގުތުދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޕުރޮގުރާމުތަކުން 50 ހަފުތާއާއި ހަމައަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކޮންޓްރެކްޓަރުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޕުރޮގުރާމުތަކުގައި ބައިވެރިވެފައިވާ މީހުންނެވެ. އެ ހުރިހާ ޕުރޮގުރާމުތަކުގައި ބައިވެރިވެފައިވާ މީހުންގެ ޢަދަދު ހިމަނާނަމަ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 16 މިލިއަން މީހުން ދިޔައީ ސަރުކާރުގެ އެހީތެރިކަން ހޯދަމުންނެވެ.

އެކި ކުންފުނިތަކުގެ މަޢުލޫމާތު އެއްކުރާ ގްލާސްޑޯރގެ އިޤްތިޞާދީ އިސް މާހިރެއްކަމަށްވާ ޑެނިއަލް ޒާއޯ ވިދާޅުވީ ވަޒީފާ ނެތުމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަން ހޯދަމުންދާ މީހުންގެ ޢަދަދު ދައްކުވައިދެނީ ކޯވިޑް-19 ފެތުރޭ ޙާލަތެއްގައި ވަޒީފާގެ ބާޒާރަށް ކުރިއެރުމެއް ނުލިބޭނެކަންކަމަށެވެ. ބައްޔާއި ދެކޮޅަށް ވެކްސިނެއް އުފައްދާފައިވުމުން ޙާލަތު ރަނގަޅުވެދާނެކަމުގެ އުންމީދު އައު ވެފައިވާއިރު، އިޤްތިޞާދު އަލުން ކޮޅަށް ޖަހައި ވަޒީފާގެ ބާޒާރު އަލުން އެއްކޮށް ހުޅުވި، ވަޒީފާ ގެއްލުމުގެ ފުރުޞަތު ކުޑަވުމަކީ އަދިވެސް ހާޞިލްވުން ވަރަށް ދުރުގައިވާ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ މަސްތަކެއް ވަންދެން ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މެދުކެނޑުމެއްނެތި އިތުރުވަމުންގޮސް، ފާއިތުވި ދުވަސްތަކުގައި އެމެރިކާގައި ބަލިޖެހޭ މީހުންގެ މިންވަރުވަނީ ކޮންމެވެސް ވަރަކަށް ދަށަށް ދާން ފަށާފައެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު އަދިވެސް ވަރަށް މައްޗެވެ. މިދުވަސްވަރު ދުވާލެއްގެ މައްޗަށް ބަލިޖެހެމުންދަނީ އެވަރެޖުކޮށް 200000 މީހުންނަށެވެ. އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 25.1 މިލިއަންއަށް އިތުރުވެފައިވާއިރު ބަލީގައި މަރުވި މީހުންގެ ޢަދަދުވަނީ 420000 އަށްވުރެ އިތުރުވެފައެވެ.

އިޤްތިޞާދީ މާހިރުން ބުނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި ސަރުކާރުންދޭ އެހީތެރިކަން ހޯދައި މީހުންގެ ޢަދަދު އިތުރުވެފައިވާ ސަބަބެއްކަމުގައި ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ފާސްކޮށްފައިވާ މާލީ އެހީތެރިކަމުގެ ޕެކޭޖުވުން އެކަށީގެންވާކަމަށެވެ. އެ ޕެކޭޖުގެ ދަށުން ވަޒީފާ ނެތް މީހުންނަށް ސްޓޭޓުތަކުން ދޭ ފައިސާގެ އެހީތެރިކަމުގެ އިތުރުން މައި ސަރުކާރުގެ ފަރާތުން ހަފުތާއަކު އިތުރު 300 ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މާރިޗުމަހުގެ ވަކި ހިސާބަކާއި ހަމައަށް ދޫކުރުމަށް ނިންމާފައިވާ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ގިނަ ބަޔަކަށް ހިތްވަރު ލިބިފައިވާކަމަށް ބެލެވެއެވެ.

ވެކްސިން ދޭ މިންވަރު އިތުރަށް ފުޅާވާން ފެށުމުން އަހަރުގެ ދެވަނަ ބައިގެ ތެރޭގައި އިޤްތިޞާދު ރަނގަޅުވާން ފަށާނެކަމަށް ކަމާއިބެހޭ މާހިރުން ޤަބޫލުކުރެއެވެ. އެހާހިސާބުން ދަތުރުފަތުރުކުރުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހޯދައި މީހުންގެ ޢަދަދު އިތުރުވެ، އެފަދަ ޚިދުމަތްތައް ދޭ ތަންތަނުން ވަޒީފާގެ ފުރުޞަތުތައް ހުޅުވޭނެކަމަށް ބެލެވެއެވެ.

ނަމަވެސް މިވަގުތަށް ބަލާއިރު އެމެރިކާގެ އިޤްތިޞާދު އަދިވެސްދަނީ ހީނަރުވަމުންނެވެ. އެމެރިކާގައި ރީޓެއިލް މުދާ ވިކޭ މިންވަރު ޖެހިޖެހިގެން ތިން މަސް ދުވަސްވަންދެން ވަނީ ދަށަށް ގޮސްފައެވެ. ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ބައެއް ފިހާރަތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި، ބޭރުތެރެއަށް ނުކުމެ އުޅުމަށް ގިނަ ޢަދަދެއްގެ މީހުން ޖެހިލުންވާތީ މީހުން ފައިސާ ޚަރަދުކުރާ މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ. 2020 ވަނަ އަހަރުގައި ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ލިބުނު އާމްދަނީ ވަނީ 21 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އެމެރިކާގެ އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އެތައް ޢާއިލާއެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އެކަނިވެސް 140000 މީހުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތްވެސްވަނީ 6.7 އިންސައްތައިގައި ހިފެހެއްޓިފައެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގައި އެކުލަވާލާފައިވާ 900 ބިލިއަން ފެޑެރަލް އެއިޑު ޕެކޭޖުގެ ސަބަބުން ވަޒީފާގެ ބާޒާރަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދޭނެކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ރައީސްކަމުގެ ހުވައި ކުރެއްވުމުގެ ކުރިން އިންތިޚާބީ ރައީސްގެ ގޮތުގައި ޖޯ ބައިޑަން ހުންނެވިއިރު އެމަނިކުފާނު ވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް ތަންފީޒުކުރައްވާނެކަމަށް އިޢުލާނުކުރައްވާފައެވެ. އެ ޕެކޭޖުގެ ދަށުން އެމެރިކާގެ ގިނަ ރައްޔިތުންނަށް 1400 އެމެރިކާ ޑޮލަރުގެ ޗެކެއް ދޫކުރާނެއެވެ. އެއީ މީގެކުރިން ދޫކޮށްފައިވާ 600 އެމެރިކާ ޑޮލަރުގެ ޗެކުތަކުގެ އިތުރުންނެވެ. އޭގެ އިތުރުން ވަޒީފާނެތް މީހުންނަށްދޭ އެލަވެންސްވެސް ހަފުތާއަކު 400 އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ބައިޑަން ވަނީ ހުށަހަޅުއްވާފައެވެ. އަދި ގެދޮރަށް ދައްކަންޖެހޭ ފައިސާއާއި ކުލި ނުދެއްކުމުގެ ސަބަބުން ސެޕްޓެމްބަރުމަހާއި ހަމައަށް ގެއިން ނުނެރެވޭ ގޮތަށް ހެދުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.