ވިޔަފާރި

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ އެމިރޭޓްސްއިން


އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ އެމިރޭޓްސްގެ ފްލައިޓުތަކުގައިކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރޭ 'މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓު' ރިޕޯޓުގައިވާގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެމިރޭޓްސްގެ ފްލައިޓުތަކުގައި 11504 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މިއީ ފްލައިޓު މޫވްމަންޓަށް ބަލާނަމަ 134 ދަތުރުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އެމިރޭޓްސްއިން ދަނީ ހަފްތާއަކު 7 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

ރާއްޖެއަށް މި މުއްދަތުގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓުތަކުގައެވެ. އެގޮތުން ރާއްޖެއަށް އެއެއަރލައިންގެ ފްލައިޓުތަކުގައި 6951 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ދަތުރުކޮށްފައިވަނީ ރަޝިޔާގެ އޭރޯފްލޯޓުގެ ފްލައިޓުތަކުގައެވެ. ރަޝިއާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ބާއްވާ އޭރޯފްލޯޓުގެ ފްލައިޓުގައި ރާއްޖެއަށް މިއަހަރުގެ ފުރަތަމަ 18 ދުވަސްތެރޭގައި ވަނީ 6362 ފަތުރުވެރިން އައިސްފައެވެ.

4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާގެ ދެ އެއަރލައިނެއް ކަމަށްވާ އިންޑިގޯ އަދި ގޯ އެއަރގެ ފްލައިޓުތަކުގައެވެ. އެގޮތުން މި ދެ އެއަރލައިންގެ ފްލައިޓުތަކުގައި ރާއްޖެއަށްވަނީ 5ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 27 އެއަރލައިންއަކުނެވެ.

ރާއްޖެއަށް އޮޕަރޭޓްކުރާ އެއަރލައިންތަކުގެ އަދަދުތަކަށް ލިބެމުންދާ ކުރިއެރުންތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 60581 ފަތުރުވެރިން އައިސްފައެވެ.