ޚަބަރު

ހިންމަފުށީ ކައިރީގައި އޮތް ފިނޮޅެއް، ހަލާކޮށްލަން އުޅުނު މައްސަލަ އީޕީއޭއާއި ފުލުހުން ބަލަންފަށައިފި


މާލެއަތޮޅު ހިންމަފުށީ ކައިރީ އޮތް ފިނޮޅެއް އެސަރަޙައްދުގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުން ހަލާކޮށްލަން އުޅުނުކަމަށް ތުހުމަތުކުރާ މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި ފުލުހުން ބަލަންފަށައިފިއެވެ. މިފިނޮޅު ހަލާކޮށްލާ މައްސަލަ ޢާއްމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށްއައީ ސޯޝަލް މީޑިއާއިންނެވެ.

ރާއްޖެއަކީ ތިމާވެށި ޙިމާޔަތްކުރުމަށާއި، ތިމާވެށްޓަށް ގެއްލުންވާ އަދި ގެއްލުން ދިނުމުގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލް އަޤުވާމީ ދުނިޔޭގައި އެންމެ އަޑު ހަރުކޮށް ވާކާލާތުކުރާ އެއް ޤައުމެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ލިބޭ ގެއްލުން ކުޑަކުރުމަށް ކުދިޤައުމުތަކުގެ ލީޑަތެއްގެ ގޮތުގައި ރާއްޖެއިން އަންނަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ މި ރާއްޖޭގެ ނާޒުކުރު ތިމާވެއްޓަށް އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން ދޭ ގެއްލުމުގެ މައްސަލަތައް މަދެއްނޫނެވެ. ނާޒުކު ފަތުރަކަށް ގެއްލުންދިނުމާއި ގޮނޑުދޮށްތަކުން އެއްވެސް ސުމާރެއްނެތި ވެލިނަގައި ބޭނުންކުރުމާއި، ހިތުހުރިހާގޮތަކަށް ފަޅުރަށްރަށާއި މީހުން އުޅޭ ރަށްރަށުން ރުއްގަސް ކަނޑައި އުފުރައި ސުންނާފަތިކުރުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކާއި އުދައެރުމާއި އެނޫންވެސް ތިމާވެށީގެ ނުރައްކާތައް މެދުވެރިވާ އެއް ސަބަބަކީ އިސްވެ ދެންނެވި ކަންކަން ކަމުގައި ތިމާވެށީގެ ޢިލްމުވެރިން ވިދާޅުވެއެވެ.

އަނެއްކާވެސް މިވަނީ މިފަދަ ސީރިއަސް ބައެއް މައްސަލަތައް ފެންމަތިވެފައެވެ. އެއް މައްސަލައަކީ ކ.ހިންމަފުއްޓާއި އެސަރަޙައްދުގައި އޮންނަ ރިސޯޓެއްކަމަށްވާ ގިލިލަންކަންފުއްޓާ ދެމެދު އޮންނަ ފިނޮޅެ ހަލާކުކޮށް ސުންނާފަތިކުރާކަމުގެ މައްސަލައެވެ. ހިންމަފުށީ ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި ފިނޮޅު ހަލާކުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ހިންމަފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު ފިނޮޅަށް ދިއުމުން އެތަން ހަލާކުކުރަމުންދިޔައ މީހުންނާއި ހިންމަފުށީ މީހުންނާދެމެދު ބަހުގެ ޙަމަލާތެކެއް ބަދަލުކޮށް ނުތަނަވަސްކަމެއް އުފެދުނުކަމަށެވެ. ފިނޮޅު ހަލާކުކުރަމުން ދިޔައީ ގިލިލަންކަންފުށި ރިސޯޓުން ދިޔަ ބައެއްކަމަށް ތުހުމަތުކުރެވެއެވެ.

ހިންމަފުށީ ކައުންސިލުން ވިދާޅުވީ ފިނޮޅަށް ގެއްލުން ދިނުމުގެ ގޮތުން ފިނޮޅުގެ އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ކޯރު ކަނޑާފައިވާކަމަށާ، މިގޮތައް ހެދުމުގެ ސަބަބުން ފިނޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. ކައުންސިލުން ވަނީ ތިމާވެއްޓަށް އަސަރުކުރާ މިފަދަ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހިންމަފުށީ ކައުންސިލް ރައީސް ޝާން އިބްރާހިމް ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުންނަށާއި އީޕީއޭ އަށް ރަސްމީކޮށް ހުށަހަޅާފައިވާކަމަށެވެ. އަދި އީޕީއޭގެ ފަރާތުން މައްސަލައާއި މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްޥާފައިވާކަމަށް ޝާން ވިދާޅުވިއެވެ. މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިމާއެކު އެސަރަހައްދައް ގޮސް އެކަން ހުއްޓުވާފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތުދެއްވާއެވެ.

އީޕީއޭއިންވެސް ވަނީ މި މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަކަމަށް މައުލޫމާތުދެއްވާފައެވެ. ފުލުހުން މައުލޫމާތުދެއްވާ ގޮތުގައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އީޕީއޭގެ ލަފާގެ މަތިން ވަނީ އަޅާފައެވެ. އަދި އިތުރައް މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިމައްސަލައިގެ އިތުރުން ދާދިފަހުންވަނީ މާލެއަތޮޅު މާފުށީ ފަޅާއި މޫދަށް ބައެއް މީހުން ކުނިއަޅައި އެތަން ބޮޑު ގޮނޑަކަށް ހަދާފައިވާ މައްސަލަ ފެންމަތިވެފައެވެ. މިޙާދިސާގެ މަންޒަރުތަކަށް ބަލާލުމުން މިއީ އެއްދުވަހަކުން ދެދުވަހަކުން މިހިސާބަށް ގޮސްފައި އޮތް މައްސަލައެއް ނޫންކަން އެނގެއެވެ. މިއީ އެތައް ދުވަހެއްވަންދެން އަޅާނުލައި ދޫކޮށްލުމުން ވެފައިވާ ކަމެއްކަން ޔަޤީނެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެންލުންވާ މިފަދަ ކަންކަން ކުރުމަކީ އަޅައި ނުލައި ދޫކޮށްލެވިގެންވާނެ ކަންކަމެއް ނޫނެވެ. މިކަންކަން ބަލައި ތިމާވެށި ޙިމާޔަތްކުރުމަކީ ރާއްޖޭގެ ކޮންމެ ވުޒާރާއެއްގެ އަދި ކޮންމެ މުއައްސަސާއެއްގެ ޒިންމާއެކެވެ. މިއީ ސީރިއަސް މައްސަލަތަކެކެވެ.

މިފަދަ ކަންކަން މުޅިން ހުޓޭނީ އަޅުގަނޑުމެން އެންމެން ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ކޮންމެ މީހަކުވެސް އެމީހާގެ ތިމާވެއްޓާމެދު އެއީ ތިމާގެ ވެށިކަމުގައި ދެކިގެންނެވެ. ތިމާވެއްޓަށް ގެއްލުންވާ ކަންކަންކުރާ ކޮންމެ މީހެއްގެ ފަހަތުގައި ކަމާބެހޭ މުއައްސަސާއެއްގެ މުވައްޒަފަކަށް ނުހުރެވޭނެއެވެ.

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކަމާބެހޭ މުއައްސަސާތައް މިހާރަށްވުރެ ހަރުދަނާވެ ޒިންމާދާރުވާންޖެހޭކަމެވެ. ކޮންމެފަހަރަކު މައްސަލައެއް ބޮއްސުންލައި އެތައް ދުވަހެއްވެ، އެކަން ބަޔަކު ސޯޝަލް މީޑިއާގައި "ވައިރަލް" ކުރުމުން މައްސަލަ ބަލާ އުސޫލު ހުއްޓާލަން ޖެހެއެވެ. ތިމާވެށީގެ މައްސަލަތަކުގައި މިއަށްވުރެބޮޑަށް ފާރަވެރިވެވޭނެ ޒިންމާދާރުކުރުވޭނެ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ.