ޚަބަރު

ސަމީރު : ހުރިހާ ގޮތަކުންވެސް ތަފާތު ހުނަރުވެރި ޒުވާނެއް


މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ދެކެވެމުންދިޔައީ ޤައުމުގެ ދުލުން ލަވަ މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދި ޖޫނީ ޖިނާޙް ހުށަހަޅައިދިންލަވައިގެ ވާހަކައެވެ. މި ލަވަވަނީ ދިވެހިންގެ ހިތުން ޚާއްސަ މަޤާމެއް ހޯދާފައެވެ.

"އަންނާށެ ދާން ހިލަން އުދު، ރަންޒަމާން ދިވެހިންގެ ދެކޭން، ކަން އޮތްގޮތް އިހު ދެކޭން." މި ތިން ބަހުގެ ރައިވަރުކޮޅާއެކު ފެށިގެންދާ ލަވައިން ހަމަގައިމުވެސް ދިވެހިންގެ އެތައް ބަޔަކު ރަންޒަމާނަށް ގެންގޮސްދީފިއެވެ. ޖޫނީގެ ހުށަހަޅައިދިނުމާއި ރީތި އަޑުގެ އިތުރުން މި ލަވަ މިހާ ފުރިހަމަ ލަވަޔަކަށްވެގެން ގޮސްފައިވަނީ މިލަވައިގެ ޅެމުންނޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.
މިލަވައިގެ ޅެން ހަދާފައިވަނީ ކުރިއަރަމުން އަންނަ ޒުވާން ޅެންވެރިޔާ އިބްރާޙީމް ސަމީރުއެވެ.

އިބްރާޙީމް ސަމީރުއަކީ ނ. މާފަރަށް އުފަން ދިވެއްސެކެވެ. ސަމީރުގެ ޢާއިލާގައި ތިބެނީ ސަމީރުގެ އިތުރުން 4 މެންބަރުންނެވެ. ސަމީރު ބުނި ގޮތުގައި ވަރަށް ކުޑައިރުންސުރެ އޭނާ އުޅެމުން އައީ ރަށުން ބޭރުގައެވެ. އެގޮތުން އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލުކުރުމަށް ސަމީރު ދިޔައީ އެއަތޮޅު ވެލިދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. އެއަށްފަހު ސާނަވީ ތަޢުލީމަށް ކިޔެވުމަށް ސަމީރު އައީ މާލެއެވެ. މާލެއިން ގްރޭޑް 8އިން 10އަކަށް ތަޢުލީމު ޙާސިލުކުރުމަށް ފަހު މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދިޔައީ ޅ. ހިންނަވަރަށެވެ. އޭގެފަހުން ސަމީރު ދިރިއުޅެމުން އައީ މާލޭގައެވެ.

ވަޒީފާއެއްގެ ގޮތުން އެންމެ ފުރަތަމަ ސަމީރު ދިޔައީ ޑެންޓަލް އެސިސްޓަންޓެއްގެ ވަޒީފާއަށް އައި.ޖީ.އެމް.އެޗްއަށެވެ. ސަމީރު ބުނީ މެޑިކަލް ދާއިރާގައި އޭރު ހަރަކާތްތެރި ވިޔަސް ތަފާތު ކޮންޓެންޓް ކްރިއޭޓްކުރުމާއި އާޓް އަދި މީޑިއާގެ ދާއިރާއަށް އޭރުވެސް ވަރަށް ޝައުޤުހުންނަކަމަށެވެ. އެހެންކަމުން ސައިރިކެސް އާއި ވިލާ ކޮލެޖުން ސަމީރު ކޮމްޕިއުޓަރ ސްޓަޑީޒް ކިޔަވަން ފެށިއެވެ. އެއަށް ފަހު ކްލިކް ކޮލެޖުން ސަމީރު ވަނީ މާކެޓިންގވެސް ހަދާފައެވެ.

އައި.ޖީ.އެމް.އެޗްގައި 11 ވަރަކަށް އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު މާކެޓިންގ ދާއިރާއިން ކުރިޔަށްދިޔުމަށް ސަމީރު ބަދަލުވީ ކްލިކް ކޮލެޖަށެވެ. އޭގެފަހުން މިހާރު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައިވެސް ސަމީރު މަސައްކަތްކުރިއެވެ. މިހާރު ސަމީރު ވަޒީފާ އަދާކުރަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާގައި މާކެޓިންގ އެގްޒެކެޓިވްއެއްގެ މަޤާމުގައެވެ.

ސަމީރު ބުނި ގޮތުގައި ޅެން ހެދުމާއި ލަވައިގެ ދާއިރާއަކީ ވަރަށް ކުޑައިރުން ފެށިގެންވެސް ޝައުގުހުންނަ ދާއިރާއެކެވެ. އެގޮތުން ސަމީރު ފާހަގަކުރިގޮތުގައި އޭނާގެ ޅަދުވަސްވަރަކީ ރޭޑިޔޯގެ ޒަމާނަށްވުމުން ރޭޑިޔޯއިން އަންނަ ލަވަ ޕްރޮގްރާމުތަކާއި އަދަބީ ތަފާތު ޕްރޮގްރާމުތައް އަބަދުވެސް އަޑުއަހާ ހަދައެވެ.

އަދަބީ އެކިކަންކަމަށް ޝައުގުއުފެދުމުގައި އިސްދައުރެއް ސަމީރުގެ މަންމަވެސް އަދާކުރިކަމަށް ސަމީރު ބުންޏެވެ. އެގޮތުން ދިވެހިބަހުން ރަނގަޅަށް ވާހަކަދައްކަން ދަސްކޮށްދީ، ބަހުގެ ކަންކަމަށް މަންމަ ވަރަށް ސަމާލުކަން ދޭކަމަށް ސަމީރު ބުންޏެވެ. އަދި ސްކޫލްދައުރުގައިވެސް އަދަބީ އެކި ކަންކަމުގައި ހަރަކާތްތެރިވާކަން ސަމީރު ފާހަގަކުރިއެވެ.

ސަމީރު ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާ ލަވައެއް ހެދީ ގްރޭޑް ހަތަރެއްގައި އުޅެމުންދަނިކޮށެވެ. އޭރު ރަށުގައި އޮތް ބަށި މުބާރާތެއްގައި ސަމީރުގެ ދައްތަމެންނަށް ތަރުހީބުދިނުމަށް ހެދި މި ލަވައަކީ ސަމީރު އަމިއްލައަށް އިސްވެ ހެދި ލަވައެކެވެ. ސަމީރު އެލަވަ ލިޔުނު ފޮތް އެންމެ ފުރަތަމަ ޢާއިލާއަށް ފެނުނީ ސަމީރު ގްރޭޑް 11ގައި ކިޔަވަމުންދަނިކޮށެވެ. ޢާއިލާއަށްވެސް ސަމީރު ލަވަ ހަދައި އުޅޭކަން އެނގުނީ އެހާ ހިސާބުންނެވެ.

ސްކޫލްދައުރުގައިވެސް ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަމީރު ތަފާތު ކާމިޔާބީތައް ހޯދާފައިވެއެވެ. އެގޮތުން ސަމީރު ފާހަގަކުރިގޮތުގައި ޤައުމީ ފެންވަރެއްގައި ލިބުނު ކާމިޔާބަކީ ގްރޭޑް 11ގައި އުޅެނިކޮށް ޤައުމީ ޅެން ހެދުމުގެ މުބާރާތުން ސްކޫލްތަކުގެ ބައިން 3 ވަނަ ހާސިލްކުރުމެވެ.

ޤައުމުގެ ދުލުން ލަވަ މުބާރާތުގައި ޅެމެއް ހެދުމުގެ ފުރުސަތު ލިބުނުގޮތް ކިޔާދެމުން ސަމީރު ބުނީ އެއީ މުޙައްމަދު އަބްދުލްޣަނީ (ތޭރަވާ) އޭނާއަށް ފަހިކޮށްދިން ފުރުޞަތެއް ކަމަށެވެ. އެގޮތުން އޭނާއަށް ގުޅާފައި ތޭރަވާ ބުނީ ހުސް ރައިވަރު ބޭނުންކޮށްގެން ޅެމެއް ހަދާދޭންކަމަށް ސަމީރު ބުންޏެވެ. ޅެންވެރިންގެ ބަހާރު ވައިބަރ ގްރޫޕްއެއްގައި 2014އިން ފެށިގެން އަމިއްލަ މަސައްކަތް ހިއްސާކޮށް ހަދާތީ ބައެއް މަޝްހޫރު މީހުން އޭނާގެ މަސައްކަތް ފާހަގަކޮށް މިކަހަލަ ފުރުޞަތުތައް ދެމުންދާކަން ސަމީރު ފާހަގަކުރިއެވެ.

މިހާތަނަށް މި ދާއިރާއިން ލިބުނު ފުރުޞަތުތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހެނީ ގްރޭޑް 11،12ގެ އައު މުޤައްރަރު އެކުލަވާލިއިރު އެމުޤައްރަރުގައި ހިމެނުމަށް ރައިވަރުގެ ބައެއް މަސައްކަތްކުރުމަށް ލިބުނު ފުރުޞަތުކަމަށް ސަމީރު ބުންޏެވެ. މި މަސައްކަތާ މެދު އެންމެ ހިތްހަމަޖެހެނީ ފަހަށް ބަޔަކަށް ބޭނުންކުރެވޭނެ މަސައްކަތެއް ކުރެވުމުންކަމަށް ސަމީރު ބުންޏެވެ. މީގެއިތުރުން ސްކޫލްތަކުގެ އިމްތިޙާނުތަކާ ދިމާކޮށް ބައެއް ޅެމާއި ރައިވަރު ހެދުމުގެ ފުރުޞަތުވެސް ލިބޭކަން ސަމީރު ފާހަގަކުރިއެވެ.

ސަމީރު ބުނީ މި ދާއިރާއިން ކުރިޔަށް ދިޔުމަށް ބަހުގެ އެކެޑަމީގެ އެކި ބޭބޭފުޅުންގެ ފަރާތުން ވަރަށް ބޮޑެތި އެއްބާރުލުންތަކެއް ލިބެމުންދާކަމަށެވެ. އެގޮތުން ޅެމާޢި ރައިވަރު ހަދާއުޅޭއިރު ދާއިރާގެ އިސްބޭބޭފުޅުންގެ ފަރާތުން ރަނގަޅުކުރަންވީ ކަންކަންވެސް ބުނެދެއްވާކަމަށް ސަމީރު ބުންޏެވެ. އަދި އަދަބީ ޕޭޖްތަކާއި ވައިބަރ ގްރޫޕްތަކުގައި ޙަރަކާތްތެރިވާތީވެ، ކޮންމެ ދުވަހެއްގައިވެސް އަދަބީ ކަންތައްތަކަށް ވަގުތު ހުސްކުރެވޭކަމަށާއި، އެއީވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ސަމީރު ބުންޏެވެ.

މީގެއިތުރުން އަދަބިއްޔާތުގެ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ބައެއް ކުދިން ސަމީރުއަށް ގުޅައި ޅެންހެދުން ފަދަ ކަންކަމުން އެހީ ހޯދާކަމީ ވަރަށް އުފާވާކަމެއްކަމުގައި ސަމީރު ބުންޏެވެ.

ބައެއް މީހުން ދެކޭގޮތުގައި ޅެން ހެދުމާއި އަދަބީ ކަންކަމަކީ ކެރިއަރެއްގޮތުގައި ނެގުމަށް އެހާ ރަނގަޅު ކަމެއްނޫނެވެ. ނަމަވެސް ސަމީރު ބުނީ މި ދާއިރާއަކީ ހަޤީޤަތުގައި ޒުވާން ކުދިންނަށްވެސް ވަރަށް ރަނގަޅުދާއިރާއެކެވެ. ކޮންމެ ކަމެއްގައިވެސް އޮންނާނީ އެމީހަކު މަސައްކަތް ކުރިވަރެއްކަން ފާހަގަކޮށް ސަމީރު ބުނީ އަދަބިއްޔާތުގެ ދާއިރާއަކީ ވަކި އުމުރެއްގެ ވަކި ފެންވަރެއްގެ ބަޔަކު ކުރާކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭ ވިސްނުން ދޫކޮށްލަންޖެހޭކަމަށެވެ.

ސަމީރުއަކީ އެހެން މީހުންނާއި ތަފާތު ސިފައެއް ލިބިފައިވާ ޒުވާނެކެވެ. އުފެދުމުގައި މެލަނީންއާ ގުޅޭ ޖީންއެއް މަދުވުމުގެ ސަބަބުން ސަމީރު ވެފައިވަނީ އަލްބީނޯއަކަށެވެ. ސަމީރު ބުނީ އަލްބީނޯ އަދި އެނޫންވެސް ތަފާތުތައް އުފެދުމުގައި ދިމާވެފައިވާ ކުދިންނަށް އެކުދިންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ބައެއް ކަހަލަ ހުރަސްތައް ހުރިކަމަށެވެ. ސަމީރު ބުނީ އެންމެ ފުރަތަމަ މީހުން އެފަދަ ކުދިންނާއި މެދު ދެކޭގޮތް ބަދަލުކުރުމަކީ ވަރަށް މުހިންމެ ކަމެއްކަމަށެވެ.

ސަމީރުގެ އުއްމީދަކީ ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހުނަރުވެރި ޒުވާން މޫނުތަކެއް ކުރިޔަތް އޮތް ތަނުގައި ފެނިގެންދިޔުމެވެ. ހަމަގައިމުވެސް ބުރަ މަސައްކަތުން ކާމިޔާބާއި ހަމައަށް ވާސިލްނުވެވިއެއް ނުދާނެއެވެ.

ހާމިދު

ސަމީރަކީ ވަރަށް ހިތްހެޔޮ ސަކަ މިޒާޖެއްގެ ބޭފުޅެއް. ކާމިޔާބަށް އެދެން