ކުޅިވަރު

މިލްވައުކީ ބަކްސް އާއި ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗްް ލޭކަރސް ކާމިޔާބުކުރީ 113 ޕޮއިންޓް 106 ޕޮއިންޓުންނެވެ.

މިމެޗްގެ ފުރަތަމަ ކްއާޓަރގައި ބަކްސް ރަގަޅަށް ކުޅެ ލީޑު ނެގި ނަމަވެސް ދެވަނަ ކްއާޓަރގައި ލޭކަރސްވަނީ އެޓީމްގެ ގުޅުން ރަގަޅުކޮށް ލީޑު ނަގާފައެވެ. މިމެޗްގައި ލޭކަރސްގެ ލެބްރޮން ޖޭމްސްވަނީ އެޓީމަށް 34 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ. އަދި ކެންޓަވިއަސް ކޯލްޑްވެލް ޕޯޕް ވަނީ އެޓީމަށް 23 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. އޭނާވަނީ 25 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަގަޅަށް ކުޅުނީ 28 ޕޮއިންޓް ހޯދައިދިން އާރް.ޖޭ. ބެރެޓްއެވެ. މީގެއިތުރުން މިޝޭލް ރޮބިންސަންވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ ސްޓެފަން ކަރީއެވެ. އޭނާވަނީ 30 ޕޮއިންޓް އެޓީމަށް ހޯދައިދީ 4 އެސިސްޓް ކޮށްފައެވެ.

މީގެއިތުރުން ޔޫޓާ ޖޭޒް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދިން ޑޮނޮވަން މިޝޭލްއެވެ. އަދި މައިކަލް ކޮންލޭވަނީ 20 ޕޮއިންޓް ހޯދައިދީފައެވެ. ޕެލިކަންސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 27 ޕޮއިންޓް ހޯދާދިން ޒިއޮން ވިލިއަމްސަންއެވެ.