ޚަބަރު

ވާރޭވެހި ދެކުނުގެ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ އެކިކަންކޮޅުތަކަށް މިއަދު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް
ރައްރަށަށް ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ މަޢުލޫމާތު ލިބެމުން އަންނަ ކަމަށް
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން ބުނީ ގއ. އާއި
ގދ. އަތޮޅުގެ ހުރިހާރަށަކަށް މިއަދު ބޯކޮށް ވާރޭވެހިފައި ވާކަމަށެވެ އަދި އެމް.އެން.ޑީ.އެފް
ސަދަރން އޭރިއާގެ ފަރާތުން ހުވަދު އަތޮޅުގެ 2 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީ
ފައި ވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން މަޢުލޫމާތުދެއެވެ. 



މިހާރު ކުރަމުންދާ ވިއްސާރައިގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި ގެތަކަށް ފެން ވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވިލިނގިލި ކައުންސިލުން ބުނެއެވެ. ވިއްސާރަވުމުގެ ސަބަބުން ސްކޫލާއި، ޔޫތް ސެންޓަރު އަދި އިންޖީނުގޭގައި
ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކަށް ފެން ވަދެ ގެތަކުގައި ގެން ގުޅޭ ބައެއް ހިފާ ތަކެއްޗަށްވެސް ގެއްލުން ލިބިފައިވާކަމަށާއި  އަދި ލިބުނު ގެއްލުން ބަލަމުންދާކަމަށް ވިލިނގިލި ކައުންސިލުން ބުނެއެވެ. 

އިއްޔެ އިރު އޮއްސުނު އިރުން ފެށިގެން ވެހެމުންދާ ވިއްސާރައިގެ ސަބަބުން ރަށުގެ ބޮޑު ސަަރަހައްދެއްގައި ފެން ބޮޑުވެފައިވާއިރު އެސަރަހައްދުތަކުގައި ހެދިފައި ހުރި ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި، ރަށުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ސިއެރާ އަދި ރޯޑް ކޯޕަރޭޝަން ގުޅިގެން ކުރިޔަށްގެންދާކަމަށް ވިލިނގިލި ކައުންސިލުން މަޢްލޫމާތުދެއެވެ.  އަދި ރަށުގެ ކުޅި އޮންނަ ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު އެސަރަހައްދުން މޫދަށް ބޭރުކުރަމުންދާކަމަށް ވިލިނގިލި ކަައުންސިލުން ބުންނެވެ.



 ނޭޝަނަލް
މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ދެކުނުގެ އަތޮޅުތަކަށް މިރޭ އެގާރަޖެހުމާއި
ހަމައަށް ޔެލޯއެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ގަދަ
ވަޔާއި ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި
އެސަރަހައްދުތަކުގައި އާދައިގެ ވަރަކަށް ކަޑު ގަދަވުމާއި ވިލާގަނޑުގައި ގަޑިއަކު
ސާޅީސް މޭލަށް ވައި ގަދަވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.  ދެކުނުގެ އަތޮޅު
ތަކުގެ އިތުރުން،  މެދުރާއްޖެތެރެއާއި
އުތުރުގެ އަތޮޅުތަކަށްވެސް، ގުގުރުމާއިއެކު ވިއްސާރަ ކުރާކަމަށް
މެޓް އޮފީހުން ބުނެއެވެ.