ކުޅިވަރު

ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލުން ލާޒިއޯ ޖާގަހޯދައިފި


ކޮޕާ އިޓާލިއާގައި ލާޒިއޯ އާއި ޕާރމާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިމުބާރާތުގެ ކްއާޓަރ ފައިނަލުން ލާޒިއޯ ޖާގަހޯދަައިފިއެވެ. މިމެޗް ލާޒިއޯ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ދެޓީމަށްވެސް ލިބިފައިވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާފައިވަނީ ލާޒިއޯގެ މާކޯ ޕަރޯލޯއެވެ. މިމެޗުގައި ޕާރމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމްގެ މިހައިލީއެވެ. މިލަނޑާއެކު މިމެޗް އެއްވަރުވެ އިތުރު ވަގުތު ކުޅެން ޖެހޭނެކަމަށް ގިނަ ބަޔަކަށް ހީވިއެވެ. ނަމަވެސް މެޗްގެ 90 ވަނަ މިނެޓްގައި ލާޒިއޯގެ ވެދާޓް މުރިގީ ފޮނުވާލި ބޯޅަ ވަނީ ޕާރމާގެ ކޮލަމްބީ ގައިގާ ޖެހި ބައިކޮޅަށް ވަދެފައެވެ.

މިމެޗުން މޮޅުވުމުން ކްއާޓަރ ފައިނަލްގައި މިމަހުގެ 27 ވަނަ ދުވަހު ލާޒިއޯ ބައްދަލުކުރާނީ އެޓަލާންޓާއާއެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލްގެ އެހެން ކުރިމަތިލުންތަކަށް ބަލާލާއިރު އެންމެ ފޯރި ގަދަވާނެކަމަށް ބެލެވެނީ އިޓާލިއަން ސެރީއާގެ އެންމެ ކުރީގައި އުޅޭ ދެޓީމް ކަމަށްވާ އޭސީ މިލާނާއި އިންޓަރ މިލާންގެ ކުރިމަތިލުމެވެ. އަދި ޔުވެންޓާސް ސްޕާލްއާ ދެކޮޅަށް ނިކުންނައިރު އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ބައްދަލުކުރާނީ ސްޕެޒިއާއެވެ.