މިދިޔަ އަހަރު ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަހަރުގެ ފަހު ކުއާޓަރުގައިކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވެއްޖެއެވެ. މިމުއްދަތުގައި ޖުމްލަ 249 މައްސަލަ ހުށަހަޅާފައިވެއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020ވަނަ އަހަރުގެ ފަހު ތިންމަހު ގެވެށި އަނިޔާގެ 249 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ތިން ކުއާޓަރއާ އަޅާބަލާއިރު އިތުރު ޢަދަދެކެވެ.
ފުރަތަމަ ކުއާޓަރުގައި ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ 190 މީހުންނެވެ. ދެވަނަ ކުއާޓަރުގައި 151 މީހުން އަދި ތިންވަނަ ކުއާޓަރުގައި 242 މީހުންނަށް އަނިޔާލިބިގެން މައްސަލަ ހުށައަޅާފައިވެއެވެ.
އަހަރުގެ ފަހު ކުއާޓަރުގައި ގެވެށި އަނިޔާ ލިބިގެން ހުށައެޅި 249 މީހުންގެ ތޭރޭގައި އެންމެ ގިނައީ އަންހެނުންނެވެ. އެއީ 125 އަންހެނުންނެނެވެ. ފިރިހެނުންގެ އަދަދަކީ 30އެވެ.
މިދިޔަ އަހަރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރި މިންވަރުވެސް އިތުރެވެ. އެގޮތުން 18 އަހަރުން ދަށުގެ 55 އަންހެންކުދިންނާއި 33 ފިރިހެންކުދިންނަށް އެކި ބާވަތުގެ ގެވެށި އަނިޔާ ލިބިގެން ރިޕޯޓުކޮށްފައިވެއެވެ.
ގެވެށި އަނިޔާ ކުރާ މީހުންގެ ރެކޯޑްތަކަށްބަލާއިރު އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 2020ވަނަ އަހަރު ފަހު ކުއާޓަރުގައި ހުށައެޅި މައްސަލަތަކުގައި، ގެވެށި އަނިޔާ ކުރި ފިރިހެނުންގެ އަދަދަކީ 206އެވެ. އަދި އަންހެނުންގެ އަދަދަކީ 43އެވެ. ގެވެށި އަނިޔާ ކުރި މީހުންގެ ތެރޭގައި 18އަހަރުން ދަށުގެ 2ކުޑަކުދިންވެސް ހިމެނެއެވެ.
2020 ގެ ހަތަރުވަނަ ކުއަރޓަރގައި ކުޑަކުދިން ހިމެނޭގޮތަށް ޖުމްލަ 249 ފަރާތަށް އަނިޔާ ލިބިގެން ރިޕޯޓް ކޮށްފައިވޭ. މިއީ ފުރަތަމަ 3 ކުއަރޓަރގައި ރިޕޯޓު ކޮށްފައިވާ އަދަދަށް ވުރެ ގިނަ އަދަދެއް
— Family Protection Authority (@FPAMaldives) January 21, 2021
ލިންކް: https://t.co/pso70tGPlf pic.twitter.com/rquSdYwaTT
މިފަދަ ގިނަ މައްސަލަތަކުގައި، އެކަކަށް އެއްބާވަތަށްވުރެ ގިނަ އަނިޔާ ލިބިގެން ވެސް ރިޕޯޓްކޮށްފައިވެއެވެ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައީ ޖިސްމާނީ އަނިޔާއާއި ބަހުގެ ހަމަލާއާއި ނަފްސާނީގޮތުން ދީފައިވާ އަނިޔާގެ މައްސަލަތަކެވެ.
އެގޮތުން ޖިސްމާނީ އަނިޔާގެ 109މައްސަލައާއި ޖިންސީ އަނިޔާ ކުރުމުގެ 39މައްސަލައާއި ބަހުގެ ޙަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުމުގެ 139 މައްސަލައާއި ބިރުދެއްކުމުގެ 106މައްސަލައާއި ގޯނާކުރުމުގެ 66 މައްސަލައާއި މުދަލައް ދެއްލުންދިނުމުގެ 21މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ ޢަމަލެއް ހިންގަމުންދާ މަންޒަރު ގަސްތުގައި ކުޑަ ކުއްޖަކަށް ދެއްކުމުގެ 46 މައްސަލައެއް ވެސް ހިމެނެއެވެ.
މިފަދަ ގޯނާތައް އެންމެ ގިނައިން ކުރިމަތިވިކަމަށް ރިޕޯޓްކޮށްފައިވަނީ ކައިވެނިކޮށްގެން އުޅޭ ނުވަތަ އިންދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުންނެވެ. އަދި އެއްގެއްގައި އެކުގައި ދިރިއުޅޭ މީހުންނާއި މައިންބަފައިން ނުވަތަ ބަލަދުވެރިންގެ ކިބައިންވެސް އަނިޔާ ކުރިމަތިވެފައިވެއެވެ.