ޚަބަރު

ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް


ރާއްޖެއިން އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ. ދިވެހިރާއްޖެއާއި އދ އާއެކު މިކަމާ ގުޅޭ ޚާއްޞަ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެ ދިނުމާ ގުޅޭގޮތުން އދ އާއި އެކު ސޮއިކުރި އެއްބަސް ވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. އަދި އދ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރެސިޑެންޓް ކޯޑިނޭޓަރ ކެތްރީން ހޭޒްވެލްއެވެ.

ދިވެހި ސަރުކާރާއި، އދ ގެ އެކި އޭޖެންސީތަކާއި، ރާއްޖޭގެ އެކި ޖަމްޢިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިޔަށްގެންދިއުމަށް ނިންމާފައިވާ މި ޕްރޮޖެކްޓަށް މާލީ އެހީ ދީފައިވަނީ ޔޫއެން ކޯވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ މަލްޓި ޕާޓްނާ ޓްރަސްޓް ފަންޑުންނެވެ. މި ޕްރޮޖެކްޓް ހިންގުމަށް މި ފަންޑުން ޖުމްލަ 452،500.00 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓުން މައިގަނޑު ތިން ދާއިރާއަކަށް އެހީތެރިވެ ދިނުމަށް ވަނީ ނިންމާފައެވެ. މި ކަންކަމުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާތައް ހުއްޓުވުމާއި އަންހެނުން ބާރުވެރި ކުރުވުމާއި ދަރިމައިވުމުގެ ސިއްޙަތާއި ގުޅުންހުރި ކަންކަމަށް ބޭނުންވާ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްތައް ފަހިކުރުމާއި އިޤްތިޞާދީ ދާއިރާއިން އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

އަދި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެެރިކަން ހުންނަ މީހުންގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަހަންމަލްކުރަމުންދާ މީހުންނާއި ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުން ހިމެނޭހެން މުޖުތަމަޢުގައި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގައި ހިމެނޭ ކަންކަން ފަހި ކުރުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމްކުރުންވެސް މި ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކޯވިޑް-19 އިން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ލިބިގެންދާއިރު ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަށް އެއްބާރުލުން ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދުވަނީ ކޯވިޑް-19ގެ ހާލަތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އާއްމު ރައްޔިތުންގެ އާމްދަނީއަށް ދިމާވި ދަތިތަކުން އަރައިގަތުމަށްކަން ފާހަގަކުރައްވާފައެވެ. އަދި އދގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް މިނިސްޓަރ ޝުކުރުއަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އދގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތްރީން ހޭޒްވެލް ވަނީ ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އދގެ ފުރިހަމަ އެެއްބާރުލުން ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޙާލަތު ރަނގަޅު ކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ކުރާ މަސައްކަތް ކައިރިން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.