ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިޚާބު ބޭއްވޭ ބިލު ތަސްދީގު ކުރައްވައިފި


ކޯވިޑާއި ގުޅިގެން އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކުރެއްވި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީޤު ކުރައްވައިފިއެވެ.

މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނޫނުގެ ގޮތުގައި މަޖިލީހުން ޚާއްސަ ޤާނޫނެއް ފާސްކުރިއެވެ. އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނޫނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެހެންނަމަވެސް ޤާނޫނުގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް އިންތިޚާބެއް ނުބޭއްވޭނެއެވެ.

ޤާނޫނަށް ގެނައި އިޞްލާހުގައި ބުނެފައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް އިންތިޚާބު ބޭއްވޭނެކަމަށާއި، އިންތިޚާބު ކުރިއަށް ގެންދަންވާނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައަޅައިގެންކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ފަށަންވާނީ އިންތިޚާބު ބާއްވާ ތާރީޚު އިއުލާންކުރާތާ ތިންދުވަސް ފަހުންކަމަށްވެސް މަޖިލީހުން ފާސްކުރި އިސްލާހުގައިވެއެވެ.

މީގެއިތުރުން އިންތިޚާބުގެ ކަންކަން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލްތައް އެކުލަވާލާ ޢާންމުކުރަންވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައިވެއެވެ. މިހާރު މި ގައިޑްލައިން އެޗްޕީއޭއިން ވަނީ އެކުލަވާލައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ސަރުކާރުން ހުށައެޅި މި ބިލަށް ކޮމިޓީ މަރުހަލާގައިވެސް ބައެއް އިޞްލާހުތައް ގެނެސްފައިވެއެވެ. އެގޮތުން މިހާރު ޤާނޫނު ބުނާ ގޮތުން މޭ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ނުބޭއްވިދާނެ ޙާލަތެއް އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ ކޮމިޝަނުން މަޖިލީހަށް އަންގަންޖެހޭނެކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.

އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ރަނގަޅު ގޮތަކީ ކޯވިޑުގެ ވެކްސިންވެސް ރާއްޖެއަށް ލިބި ބަލިން އަރައިގަތުމަށް އުންމީދީ މަންޒަރުތަކެއް ފެންނަމުންދަތީ އިންތިޚާބު ޖޫންމަހަށް ފަސްކުރުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.