ވިޔަފާރި

ލަންކާގެ ބޯޑަރު ހުޅުވާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ- މައުސޫމް


ސްރީ ލަންކާގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

10 މަހަށްފަހު ލަންކާގެ ބޯޑަރުތައް ފަތުރުވެރިންނަށް އަލުން ހުޅުވާލުމުން އެކަމަށް މިނިސްޓަރ މައުސޫމްވަނީ މަރުހަބާ ކިޔާފައެވެ. އަދި ސްރީލަންކާގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލުމުން ރާއްޖެ ހިމެނޭހެން މި ސަރަޙައްދުގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ލަންކާ ހުޅުވާލާފައިވާއިރު، ފުރަތަމަ ހުޅުވާލާނީ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓާއި ލަންކާގެ ދެކުނުގައި އޮންނަ މައްތަލަ އެއަރޕޯޓެވެ.

ފަތުރުވެރިން އައުމުގެ ހުއްދަ ދިނުމަށް ލަންކާ ސަރުކާރުން ނިންމާފައިވާއިރު، ލަންކާ ސަރުކާރުން ވަނީ ޚާއްސަ ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ. އެގޮތުން 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް އޮތުމާއި، ކޯވިޑް އިންޝުއަރެންސެއް ހެދުން ހިމެނެއެވެ. ގައިޑްލައިންގައިވާ ގޮތުން ލަންކާއަށް އަންނަ ފަތުރުވެރިން ބުކިން ހައްދަންޖެހޭނީ، ލަންކާ ސަރުކާރުން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ހޮޓާތަކުންނެވެ.

ފަތުރުވެރިންނަށް ލަންކާ ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު، ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންނަށް މިކަމުގެ ސަަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ގެއްލުންވެފައިވާކަމަށް ލަންކާ ސަރުކާރުން ބުނެއެވެ.