ކުޅިވަރު

އޮގްސްބަރގް ބަލިކޮށް ބަޔާންއަށް ހަތަރު ޕޮއިންޓްގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެފްސީ އޮގްސްބަރގް ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. އޮގްސްބަރގްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެޓީމުގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ މިފަހަރުގެ ލީގުގައި ކާމިޔާބުކުރީ 22 ވަނަ ލަނޑެވެ. މިއީ ބުންޑަސްލީގާގައި ސީޒަން ދެބައިވިއިރު ކުޅުން ތެރިޔަކު ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ.

މިމެޗްގައި އޮގްސްބަރގަށްވެސް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މެޗްގެ 76 ވަަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ބަޔޭންއަށް ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއްވަނީ ލިބިފައެވެ. އެއީ ކުޅުނު 17 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކުއެވެ. އޮގްސްބަރގަށް 17 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ބަޔާންއާ އެންމެ ގާތުން ވާދަކުރާ އާރްބީ ލީޕްޒިގަށް ލިބިފައިވަނީ 17 މެޗުން 35 ޕޮއިންޓެވެ. ލިޕްޒިގްވަނީ އެފްސީ ޔޫނިއަން ބަރލިންއާ ރޭ ބައްދަލުކުރިމެޗް އެއް ލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.