ވިޔަފާރި

ސްރީލަންކަންއިން ރާއްޖެ-ލަންޑަން ދަތުރުތައް އަލުން ފަށަނީ


ސްރީލަންކަން އެއަރލައިންސްއިން ރާއްޖެއާއި ލަންޑަންއާ ދެމެދު ބާއްވަމުން އައި ސީދާ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

ސްރީލަންކަންއިން ލަންޑަނަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13ވަނަ ދުވަހުއެވެ.

ލަންޑަނާއި ރާއްޖެއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ލަންޑަނާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް މިދިޔަ ޑިސެމްބަރުމަހު ފެށި ނަމަވެސް އެޤައުމު ފުރަބަނދަށް ދިޔުމާއެކު ދަތުރުތައް ހުއްޓަމަކަށް އައީ ކަމަށެވެ. މިހާރު އަލުން ދަތުރުތައް ފަށަން ނިންމާފައިވާއިރު، މިހާރު އެޤައުމުން ދެމުންދާ ލުއިތަކާއެކު ދަތުރުކުރާ މީހުން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށް ފިރާޤް ވިދާޅުވިއެވެ.

ސްރީލަންކަން އިން ދަނީ ރާއްޖެއާއި ސްރީލަންކާ އަދި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދުވެސް ދަތުރުތައް ބާއްވަމުންނެވެ.

ސްރީލަންކަންއިން ރާއްޖެއާއި ލަންޑަނާއި ދެމެދު ފަށާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1120 ޑޮލަރެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. މިދިޔަ އަހަރުތެރޭ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އަހަރު ނިމުނުއިރު 52720 ފަތުރުވެރިންވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައެވެ.