ޚަބަރު

އިންތިޚާބަށްވުރެ ޞިއްހަތާއި، ޤައުމީ މަސްލަހަތު އިސްކުރުން މުހިންމު: އިލެކްޝަންސް


ކޯވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އަވަސްކޮށް، ލަސްކުރުމުގެ އެއްވެސް މަސްލަހަތެއް އިލެކްޝަންސް ކޮމިޝަނަކު ނެތްކަމަށާއި، ނަމަވެސް މިވަގުތު މިބަލީގެ ހައްލެއް ކުރިމަތީގައި ފެންނަން އޮތްވާ ޞިއްޚީ އިތުރު ނުރައްކަލެއް ނުވަތަ ރިސްކެއް ނުނަގައި ޤައުމީ މަސްލަހަތު އިސްކުރުމަކީ މުހިންމު ކަމެއްކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި ބަދަލުތަކާއެކު އިލެކްޝަންސް ކޮމިޝަންގެ ޤައުމީ މަޖިލީހުގައި ވަނީ އިންތިޚާބު ބާއްވާނެ ތާރީޚަކާއި، ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ސިޔާސީ ޕާޓީތަކާއި، އެޗްޕީއޭއާއި، އިންތިޚާބާއި ގުޅުންހުރި އިދާރާތަކުން ކުރި މަޝްވަރާތަކުގައި ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިނާއިމެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިހާލަތުގައި އެޗްޕީއޭއިންވެސް އަދި ރައްޔިތުންވެސް އެންމެބޮޑަށް ވިސްނާނީ ރައްޔިތުންގެ ޞިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމަށްވާއިރު، އެޗްޕީއޭގެ ނިންމުންތަކަށް އިޚްތިރާމު ކުރާނެކަމަށެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބު ބޭއްވުމާއި އިންތިޚާބު އަވަސްކުރުމާއި، ލަސްކުރުގެ އެއްވެސް މަސްލަހަތެއް އިލެކްޝަންސް ކޮމިޝަންގައި ނެތްކަމަށެވެ. ނަމަވެސް މިހާލަތަކީ ހުރި ގޮންޖެހުންތަކާއެކުވެސް ޤާނޫނީ ގޮތުން ސުވާލު ކުރިމަތި ކުރެވޭ ގޮތަށް އިންތިޚާބު ބާއްވަންވީ ވަގުތުތޯ ފުއާދުވަނީ ސުވާލު އުފައްދާފައެވެ.

"ކޮންމެއަކަސް އިލެކްޝަންސް މިހާރު މިއޮތީ އެއްއަހަރަށް ލަސްވެފަ. އަދި އިތުރަށް ދޮޅުމަސް، ނުވަތަ ދެމަސް ލަސްވުމަކުން އަޅުގަނޑަށް ނުފެނޭ މާބޮޑު ގެއްލުމެއް ވެދާނެކަމަށް ރާއްޖެއަކަށް. މިއޮތް ރިސްކު އަނެއް އަތަށް އަޅާފަ އަނެއް އަތަށް އިންތިޚާބު އަވަސް ކުރުން އެއީ ރަނގަޅު ގޮތެއްނޫން. ޞިއްހަތުގެ ރިސްކަކަށް ދިއުމަށްވުރެ އިންތިޚާބު ލަސްކުރުން ރަނގަޅުކަމަށް ފެންނަނީ" ފުއާދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު މިހާލަތުގައި ބޭއްވުމާއިމެދު ޤައުމީ މަސްލަހަތެއްގައި ވިސްނައި ވަޑައިގަތުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލައްވާފައެވެ. އަދި މިހާރު އޮތް ގައިޑް ލައިނުން އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބު ބޭއްވުމަށް ކުރާ ޚަރަދު އެތައް ގުނައެއް އިތުރުވެ ދައުލަތަށްވެސް އެތައް ގުނަ ޚަރަދު ބޮޑު އިންތިޚާބަކަށް މި އިންތިޚާބު ވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބު ބޭއްވުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ކެންޕެއިން ކުރުމުގެ ޖާގަ ނުލިބުމުގެ ޝަކުވާއެވެ. އެޗްޕީއޭގެ ގައިޑްލައިން މިހާރު އޮތް ގޮތުންވެސް އިންތިޚާބުގެ ކެންޕެއިނަށްދާ މީހުން 10 ދުވަހުގެ ކަރަންޓީން ވާންޖެހެއެވެ. އަދި އިލެކްޝަންސް އޮފިޝަލުންވެސް ރަށްރަށް ދަތުރުކުރާނަމަ 10 ދުވަހަށް ކަރަންޓީން ވާންޖެހެއެވެ. މީގެ އިތުރުން އޮންލައިންކޮށް، އޮފިޝަލުން ތަމްރީން ކުރުމަށާއި، ވޯޓުލާ މަރުކަޒުތަކުގައި ގައިދުރުކަމާއިއެކު އިންތިޚާބު ބޭއްވުމަށް ވަނީ ބާރުއަޅާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާނަމަ އިންތިޚާބާއިމެދު ޤާނޫނީ ސުވާލު އުފެއްދުމުގެ ޖާގަލިބި، އާ އިންތިޚާބެއް ބާއްވަން ޖެހުމަކީ ކައިރިކަމެއްކަމަށެވެ. އެހެންކަމަށްވުމުން ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އިންތިޚާބު ބޭއްވުމަށް ސިޔާސީ ޕާޓީތަކުން ވިސްނާ ވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.