ޚަބަރު

ދެއްވަދޫ ކްލަސްޓަރ: ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު 78އަށް

ދެއްވަދޫ ކްލަސްޓަރއިން އަލަށް ބައްޔަށް ޕޮޒިޓިވްވި 5މީހުންނާއެކު، އެ ކްލަސްޓަރގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 78އަށް އަރައިފިއެވެ.

ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މި ކްލަސްޓަރގެ އެންމެ ގިނަ ކޭސްތައް ފެނިފައިވާ ގއ.ދެއްވަދޫން ޖުމްލަ 71މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި 5މީހުންގެ ތެރެއިންވެސް 3މީހުން ނިސްބަތްވަނީ ދެއްވަދުއަށެވެ.

"މިހާތަނަށް މި ކްލަސްޓަރގެ ޖުމްލަ 476ކޮންކްޓުންވަނީ ފާހަގަވެފައި. ކްލަސްޓަރއާ ގުޅިގެން ޓެސްޓު ހެދުމަށް މިހާތަނަށް ޖުމްލަ 14013 ސާމްޕްލްވަނީ ޓެސްޓުކޮށްފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން އެރަށާއި އެ އަތޮޅު ދާންދޫ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. މި ކޭސްތަކާ ގުޅިގެން މޮނިޓަރިންގެ ޙާލަތަށް ގެނައި ގއ.ވިލިންގިލި މިހާރުވަނީ އެ ޙާލަތުން ނަގާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ ވިލިނގިލީގެ މޮނިޓަރިން ހާލަތު އުވާލާފައިވަނީ އެރަށުން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ނެގެޓިވްވުމާ ގުޅިގެންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާވަނީ ރިސޯޓްތަކުގެ ކޭސްތަކުގެ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން މިހާރު ރިސޯޓެއްގައި އެންމެ ގިނަ އެކްޓިވް ކޭސްތައް ވަނީ އޮޅުވެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި ބައްޔަށް ޕޮޒިޓިވް 78މީހުން އެބަތިއްބެވެ. މީގެތެރޭގައި އަލަށް ޕޮޒިޓިވްވި 14މީހުންވެސް ހިމެނެއެވެ. އަދި އޮބްލޫ ސެލެކްޓް ސަންގެލިން މިހާތަނަށް 70މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އަލަށް ފެނުނު 6 ކޭހާއާއެކުއެވެ.

މީގެއިތުރަށްވެސް ކޯވިޑް-19ގެ ގިނަ ކޭސްތަކެއް ވޭތުވެދިޔަ 24 ގަޑިއިރު ރިސޯޓްތަކުން ފެނިފައިވެއެވެ.