ހއ.ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ)އާ ހަވާލުކޮށްފިއެވެ.
މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މިމަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފަވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މި މަޝްރުޢުގައި ހިމެނެނީ ހޯރަފުށީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ގްރޯއިންސް ނުވަތަ މޫދު ތެރެއަށް ހުރަހަށް ހަދާ ތޮށި ލުމުގެ މަސައްކަތެކެވެ. މީގެ ދެވައްތަރެއްގެ ތޮށި ލުމަށް ހަވާލުކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 50މީޓަރުގެ 5 ތޮށްޓާ، 30މީޓަރުގެ އެއް ތޮށި ޤާޢިމުކުރުމުގެ މަސައްކަތެކެވެ.
MTCC has signed with @MoNPHImv towards implementing shore protection at Ha. Hoarafushi. CEO @adamazim signed on behalf of MTCC and Director General Ms. Fathimath Shaana Farooq signed on behalf of the MNPHI. pic.twitter.com/r6MqPDKLIF
— MTCC Plc (@MTCCPlc) January 20, 2021
މި މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 75ދުވަހުން ނިންމާގޮތަށެވެ. ހޯރަފުށީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތަކީ ސަރުކާރުން 6.34މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެކެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވީ އެރަށަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ރަށެއްކަމަށެވެ. އަދި މި މައްލައަށް ޙައްލު ގެނައުމަށް ކުރިންވެސް ގިރާ ސަރަހައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މިކަމަށް އެންމެ އެކަށީގެންވާ ޙައްލެއް ލިބިފައި ނުވާކަމަށެވެ.
އަދި ތޮށި ހަދާފައިވަގޮތުން ރަށުގެ ބައެއް ސަރަޙައްދު މާބޮޑަށް ގިރަމުންދާކަމަށްވެސް ކައުންސިލުން ވަނީ ވިދާޅުވީވެފައެވެ. ރަށުގެ ބޮޑު ބައެއް ގިރަމުންދާތީ މޫދަށް އެރޭނެ ރަނގަޅު ސަރަޙައްދެއްވެސް މިހާރު ނެތްކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ހޯރަފުށީގައި 2016ވަނަ އަހަރުވެސް ގޮންޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫއުއެއްވަނީ ކުރިއަށްގެންގޮސްފައެވެ. މި މަޝްރޫޢުގައި އެރަށުގެ ދެ ސަރަޙައްދެއްގައި ބޮޑުހިލަޖަހައިގެން 800މީޓަތުގެ ސަރަޙައްދު ޙިމާޔަތްކުރިއެވެ. ރަށުގެ އުތުރުފަރާތުގައި 570މީޓަރުގެ ސަރަޙައްދެއް އަދި އިރުދެކުނު ފަރާތުގައި 230މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހާފައިވެއެވެ.
2021ވަނަ އަހަރު ހޯރަފުށީގައި ކުރިއަށްގެންދިއުމަށް 11މަޝްރޫޢުއެއް ބަޖެޓުގަ ހިމަނާފައިވެއެވެ. ހޯރަފުއްޓަކީ އާބާދީގައި 2000އަށްވުރެ ގިނަމީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.