ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ދައްޗަކާ ނުލައި ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރި އޮކްސްފޯޑު ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސް އެތަކެއްޗާ ޙަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން ކޯވިޑް-19 ފެނުނު ދުވަހުން ފެށިގެން ބަލިން ރައްކާތެރިވެ، ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ގެންދެވީ ވަރަށް ހަރުދަނާ ކަމާއެކު އަޅުއްވަމުންކަމަށެވެ. ފިޔަވަޅު އެޅުއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި އެމަނިކުފާނު ގެންދެވީ މަސައްކަތްޕުޅު ކުރައްވަމުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯސްއެއް އުފައްދަވައި، ސީދާ ރައީސުލްޖުމްހޫރިއްޔާ އެޓާސްފޯސް ޗެއާކުރައްވައި ކޮންމެދުވަހު ޙާލަތު އޮޅުންފިލުއްވައި ކުރެއްވި މަސައްކަތްޕުޅު، އޭގެ ނަތީޖާއާހަމައަށް މިއަދު މިވަނީ ވާސިލް ވެފައިވާކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖެ ގެނައި ވެކްސިނަކީ ދުނިޔޭގެ އިތުބާރު ލިބިފައިވާ، ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިން އުފައްދާފައިވާ ވެކްސިނެއްކަމަށެވެ. މިއީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނިކާ ކުންފުނީގެ ރިސާޗުގެ މައްޗަށް ބިނާކޮށް، އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދަވާފައިވާ ވެކްސިނެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިވެކްސިނަކީ ޓެސްޓުކޮށް ނަތީޖާވެސް ލިބިފައިވާ އިތުބާރުކުރެވޭ ވެކްސިނެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުނަށް ބޭނުންވާ ހުރިހާ ވެކްސިން ލިބޭނެ މަގު މިހާރުވަނީ ކަށަވަރުވެފައި. ﷲގެ ހެޔޮ ރަހުމަތް ފުޅާއި، އިރާދަފުޅުން އަޅުގަނޑުމެން އެވެކްސިން ރާއްޖެއަށް ގެންނަމުން ގެންދާނަން. މިލިބުނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި، އެސްޓްރާޒެނިކާ ކުންފުނީގެ ރިސާޗުގެ މައްޗަށް ބިނާކޮށް، އިންޑިޔާގެ ސެވަން އިންސްޓިއުޓުން އުފައްދަވާފައިވާ ކޯވިޑް-19ގެ ވެކްސިންގެ އެއްލައްކަ ޑޯޒް. މިއީ ޓްރެއިލްގެ މަސައްކަތް ނިންމާފައިވާ ރައްކާތެރި ވެކްސިނެއް. ސިރަމަން އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެބޮޑު ވެކްސިން އުފައްދާ އިންސްޓިޓިއުޓް. މިތަނުން އަހަރަކު 1.5 ބިލިޔަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދަނީ އުފައްދަމުން. ދުނިޔޭގެ 170 ގައުމެއްގެ %65 ކުޑަކުދިންނަށް، ސެވަން އިންސްޓިޓުޓުން އުފައްދާ ކޮންމެވެސް އެއް ވެކްސިނެއް ޖަހަމުން ގެންދޭ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ދިވެހި ބަހާއި އިނގިރޭސި ބަހާއި ހިންދުސްތާނު ބަހުން އިންޑިއާއަށް ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އިންޑިޔާއިން އެޤައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަން ފެށިތާ 4 ދުވަސް ނުވަނީސް އަވަށްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށް ދިނުުގެ މަސައްކަތް ފެށިކަމީ އިންޑިޔާގެ ބަދަހި އެކުވެރިކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި އަވަށްޓެރިންގެ ތެރެއިންވެސް އެންމެ ފުރަތަމަ ދިވެހި ރާއްޖެ އިސްކުރުކަމީ އިންޑީޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ހަރުދަނާކަމާއި، ބަދަހިކަން ހާމަކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.