ވިޔަފާރި

ކ. މަނިޔަފުށީ ޓްރެއިނިންގ ސެންޓަރުން މިއަހަރުތެރޭ މީހުން ތަމްރީން ކުރާނެ


ކ. މަނިޔަފުށީގައި ހަދާ ޓްރެއިނިންގ ސެންޓަރުން މިއަހަރުގެ ތެރޭގައި ތަމްރީން ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ކ. މަނިޔަފުށީގައި ހަދާ ޓްރެއިނިންގ ސެންޓަރަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ފުޅާކުރުމަށް މިނިސްޓްރީން ޤާއިމްކުރާ ސެންޓަރެކެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމަށް އައު ބާވަތްތައް އިތުރުކޮށް، ޑައިވަސިފައިކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި ސަރުކާރުން މަނިޔަފުށީގައި ތަރައްޤީކުރާ މެރިކަލްޗަރ ޓްރެއިނިންގ ސެންޓަރުން އަންނަ މާރޗް މަހުގެ ތެރޭގައި ޓްރެއިންދޭން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކ. އަތޮޅު މަނިޔަފުށީގައި މެރިކަލްޗަރ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެންގެ އުންމީދަކީ މާރޗް މަސް އަންނައިރު ސެންޓަރު ޤާއިމްކުރެވި މީހުންނަށް ތަމްރީން ދޭންފެށުން" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ، މި ސަރުކާރުން މާނަގަލާގައި ހަދާ ހެޗަރީގެ މަސައްކަތްވެސް މިހާރު ޓެންޑަރއަށް ހުޅުވާލާފައިވާކަމަށެވެ. އަންނަ ހަފްތާ ތެރޭގައި މިތަން ހެދުމަށްވެސް ބަޔަކާއި ހަވާލުކުރެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާނަގަލާ ހެޗަރީން ތަކެތި އުފެއްދުމަށްފަހު ބޮޑުކުރުމަށް މި މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ދޫކުރާނެކަމަށާއި މިތަނުން އުފައްދާ މައިގަނޑު ބާވަތްތަކަށް ވާނީ ކުދި ހުއިފިލަނޑާއާއި، ފާނައިގެ އިތުރުން އެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާނަގަލާގައި އަޅުގަނޑުމެން ހެޗަރީއެއް އެބަ ޤާއިމްކުރަން. މާނަގަލާގެ ހެޗަރީގެ ބޭނުމަކީ ކުދި އެއްޗެތި އުފައްދާފަ މީހުންނަށް ބޮޑުކުރަން ދިނުން. މާކެޓް ސައިޒަށް ބޮޑުކުރީމަ އެ އެއްޗެހި ވިއްކާލެވޭނީ. މާނަގަލާގައި ހެޗަރީ ހިންގުމަށްޓަކައި މިހާރު ވާނީ ޓެންޑަރ އަށް ހުޅުވާލެވިފައި. މިފެށޭ ހަފްތާ ތެރޭ ޓެންޑަރ މުއްދަތު ހަމަވެ ކޮންމެސް ބަޔަކަށް އެވޯޑް ކުރުމުގެ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެންގެ މައިގަނޑު ބާވަތަކަށް ވާނީ ކުދި ހުއިފިލަނޑާއާއި، ކުދި ފާނަ އަދި އެމުގެ ގޮތުގައި ބޭނުންކުރާނެ އެމެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ކާމިޔާބުކަމާއެކު ފާނަ އަލާ ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިދިޔަ އަހަރު އދ. އަތޮޅުގައި ކުރިއަށްގެންގޮސްފައެވެ. މިމަޝްރޫޢުގެ ދަށުން އދ. އަތޮޅު ކައުންސިލާއި، އެއަތޮޅު މަހިބަދޫ، އޮމަދޫ، ދިގުރަށް އަދި ދަނގެތީ ގުޅިގެން ފާނަ އަލާކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. މިމަޝްރޫގެ ޕައިލެޓް ހަރަކާތުގައި މި ހަތަރު ރަށުން ޖުމްލަ 19 ގޭބިސީއަކާއިއެކު ފާނަ ބޮޑުކުރުން ތަޖުރިބާކޮށްފައިވެއެވެ.