ޚަބަރު

ސްކޫލްތައް ރައްކާތެރި، ދަރިވަރުންގެ ހާޒިރީން އެކަން އެނގޭ


ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުން އައިނަމަވެސް ދަރިވަރުންނަށް ސްކޫލް މާހައުލުން ފޯރުކޮށްދޭން ޖެހޭ ތަޢުލީ އަންނަނީ ފޯރުކޮށްދެމުންނެވެ. ބައެއް ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަން ޖެހިލުން ވިނަމަވެސް މި ދަނޑިވަޅުގައި ސްކޫލަށް ހާޒިރުވާ ދަރިވަރުންގެ ނިސްބަތް ރަނގަޅުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލްތަކުން ކޯވިޑް-19 ގެ ކޭސްތަކެއް ފެނުނުނަމަވެސް ސްކޫލްތަކަށް ބެލެނިވެރިންގެ އިތުބާރުއޮތް މިންވަރު ކުދިންގެ ހާޒިރީންވެސް ފެނިގެން އެބަދެއެވެ. މިމަހުގެ 10 ވަނަ ދުވަހު މާލޭގެ ސްކޫލްތަކާއި އަތޮޅުތެރޭގެ ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށީ ކުރިއެކޭވެސް އެއްގޮތަށް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކުގައެވެ. މިއާއެކު ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުން ސްކޫލަށް ފޮނުވުމުގެ ފުރުޞަތު ގެއްލި އެ ފުރުޞަތު އަލުން ލިބުމާއެކު ބެލެނިވެރިންވެސް ދަރިވަރުން ސްކޫލަށް ފޮނުވަންފެށިއެވެ. ނަމަވެސް ސްކޫލްތައް އަލުން ހުޅުވުމާއެކު މާލެ ސަރަޙައްދުގައި ހުރި ބައެއް ސްކޫލްތަކުގައި ކިޔަވައިދެމުންދާ މުދައްރިސުންނާއި ދަރިވަރުން ތަކެއް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެހިސާބުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ދެނެގަނެ ގޭގައި މަޑުކުރުމަށް އެންގިއެވެ. ކޯވިޑްގެ މިކޭސްތައް ފެނިފައިވަނީ ސްކޫލްގެ އެތެރެއަކުން ނޫނެވެ. ކޯވިޑްގެ ކޭސްތަކެއް ފެނުނުނަމަވެސް މިއަހަރުގެ ކިޔެވުން ފެށިފަހުން ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު ރަނގަޅުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިމަހު މާލެ ސަރަޙައްދުގެ ހުރިހާ ގްރޭޑަކަށް ކިޔަވައިދިން ފުރަތަމަ ހަފްތާގައި 80 އިންސައްތަ ދަރިވަރުން ސްކޫލަށް ހާޒިރުވެފައިވާކަމަށެވެ. އަދި އެއީ މިހާރުގެ ހާލަތަށް ބަލާނަމަ ރަނގަޅު އަދަދެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގެ 4 ސްކޫލެއްގެ މުދައްރިސުންނާއި ދަރިވަރުންތަކެއް ބައްޔަށް ޕޮޒިޓިވްވިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި އަޅާފައިވާ ފިޔަވަޅުތަކާއެކު ސްކޫލްތައް ރައްކާތެރިވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ސްކޫލްތަކުގެ ބަޔަކު ޕޮޒިޓިވްވިނަމަވެސް ސްކޫލް ކްލަސްޓަރއެއް މިހާތަނަށްވެސް އުފެދިފައިނުވާކަމަށާއި އެއީ ރައްކާތެރިކަން ކަށަވަރުވާކަމެއްކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައި ނުވެއެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދިޔައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުންވެސް ނިންމާލާފައިވަނީ ސްކޫލްތަކުން އެއްވެސް ކުއްޖަކު ނުވަތަ ސްކޫލް ކްލަސްޓަރ އެއް ނުއުފެދިއެވެ.

ކޯވިޑް-19 އާ ގުޅިގެން ސްކޫލްތަކުން އެޅި ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބަލާލާއިރު އެންމެ ފުރަތަމަވެސް އެއްވެސް ދަރިވަރަކަށް ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ކޯވިޑު ޖެހި ނުވަތަ ކަރަންޓީނަށް ގެންގޮސްފައިވޭތޯ ބަލާ އެ މައުލޫމާތުތައް ސްކޫލްތައް ހުޅުވުމުގެ ކުރިން އެއްކުރަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގިއެވެ. ކޯވިޑް ބަލީގެ އެއްވެސް ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެކަމަށާއި އެ ފަދަ ދަރިވަރެއްގެ ނުވަތަ ސްޓާފެއްގެވެސް މައުލޫމާތު ސިއްހީ ދައިރާތަކަށް ހިއްސާކޮށް ބަލަންޖެހޭނެކަމަށްވެސް އަންގާފައިވެއެވެ.

ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒްކުރުންހިމެނެއެވެ. ކްލާސްތަކުގެ ތެރޭގައި ދަރިވަރުން އިށީނދެ ތިބޭ އެރޭންޖްމަންޓާއި ޓީޗަރުން ކިޔަވައިދިނުމުގައި ކްލާސް ތެރޭގައި އަމަލުކުރާ ގޮތްތައް ވެސް ހުރީ ގައިދުރުކަމަށް މަގުފަހިވާނެ ގޮތަށެވެ. ދަރިވަރުންނާއި މުދައްރިސުން ތިބީ މާސްކްވެސް އަޅައިގެންނެވެ. ސްކޫލްތަކުގައި ވަނީ އަތްދޮވެވޭނެ އިންތިޒާމްތަކާއި ސެނިޓައިޒަރ ބަހައްޓާފައެވެ.