ދުނިޔެ

ކޯވިޑް-19 : އެމެރިކާއިން މަރުވި މީހުންގެ ޢަދަދު 400000އަށް އަރައިފި


ކޯވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 400000އަށް އިތުރުވެއްޖެއެވެ.

އެމެރިކާގައި މިހާތަނަށް 24.2 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އެ ޤައުމު އޮތީ އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޤައުމާއި އެންމެ ގިނަ ޢަދަދެއްގެ މީހުން އެ ބަލީގައި މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 171،525 މީހުންނަށް ބަލިޖެހި 2،768 މީހުންވަނީ މަރުވެފައެވެ.

އެމެރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 400،000 ހުރަސްކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ދައުރުގެ އެންމެ ފަހު ދުވަހުގައެވެ. އެމަނިކުފާނަކީ ކޯވިޑް-19އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ބޭފުޅެކެވެ. މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިވަޑައިގެންފައިވާ ނަމަވެސް އެމަނިކުފާނުވަނީ އެ ބައްޔާއިމެދު ސައިންސްގެ ނަޒަރިއްޔާއިން ސުވާލު އުފައްދަވާފައެވެ.

މިއަދު އެމެރިކާ ގަޑިން މެންދުރު ބާރަ ޖަހާއިރު ވެރިކަމާއި ޙަވާލުވެވަޑައިގަންނަވާ އެ ޤައުމުގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގައި ކޯވިޑް-19ގެ ސަބަބުން މަރުވެފައިވާ މީހުންގެ ހަނދާން އައުކުރުމަށް ބާއްވާފައިވާ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ބައިޑަން އަދި އިންތިޚާބީ ނައިބު ރައީސް ކަމާލާ ހެރިސް ވަނީ ބައްޔާއި ދެކޮޅަށް ޓްރަންޕުގެ ސަރުކާރުން މަސައްކަތްކުރެއްވި ގޮތާއި ޚިލާފަށް ބައިޑަންގެ ވެރިކަމުގައި މަސައްކަތްކުރައްވާނެކަމަށް އިޝާރާތްކުރައްވާފައެވެ.

ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކުން އަރައިގަތުމަށް އެއީ ކިތަންމެ އުނދަގޫ ކަމެއްކަމުގައި ވިޔަސް ބަލީގައި މަރުވެ ގޮސްފައިވާ މީހުންގެ ޒިކުރާ އައުކުރަންޖެހޭކަމަށާއި އެއީ އެންމެން އެކުގައި، ޤައުމެއްގެ ގޮތުގައި ކުރުން މުހިންމުކަމެއްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.