ޚަބަރު

ފެލިވަރު ތަރައްޤީކުރުމަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އައު ފެށުމެއް: ޒަހާ


ފެލިވަރު މަސް ފެކްޓްރީ ތަރައްޤީކުރުމުގެ މަސައްކަތް ވެގެންދާނީ މަސްވެރިކަމުގެ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތުގެ މުޅިން އާ ފެށުމަކަށް ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ފެލިވަރުގެ ބިން ހިއްކުމާ ބަނދަރު ހެދުމުގެ މަސައްކަތް ނިމެންވާއިރަށް، ފެލިވަރުގެ އެހެނިހެން ތަރައްޤީއަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފާކަމަށެވެ.

ފެލިވަރުން ބިން ހިއްކުމާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، މުޅި މި ސިނާއަތް ތަރައްޤީކުރުމުގައި ފެލިވަރަކީ މުހިންމު ރަށެއްކަމަށެވެ. އަލަށް މި ކުރިއަށްގެންދާ މަޝްރޫޢުއާއެކު، މަސްވެރިންގެ އެންމެ ބޮޑު ކަންބޮޅުވުންކަމަށްވާ ކިއުގައި ޖެހިގެން މަސް ކިރުމުގެ ގޮންޖެހުމަށް ބޮޑު ލުޔެއް ލިބޭނެކަމަށެވެ.

ފެލިވަރުން ބިން ހިއްކުމާ ބަނދަރުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މި މަސައްކަތަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އާ ފެށުމެއްކަމަށެވެ. އަދި މި ކަމަކީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޙައްލު ލިބޭނެކަމުގެ "ސިގްނަލް" ކަމަށެވެ. މިނިސްޓަރ ވިދާޅުވި އުމްރާނީ ތަރައްޤީގެ މި މަސައްކަތްތައް ނިމުމާއެކު، ފެލިވަރުގައި އިތުރު ޕްރޮޖެކްޓްތައް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

"ބިން މި ހިއްކަނީ މި މަސައްކަތަކީ ލަފާފުރޭ ބަނދަރުގެ ތެރެއިން ހިންގަންޖެހޭ މަސައްކަތަކަށްވާތީ. މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް އިންޑިއަން އެގްޒިމް ބޭންކުން ހަމަޖެހިފައިވަނީ. އަދި މި މަސައްކަތް ނިމުމާއިއެކު ދެން ފަށާ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސް ސައުދީންވަނީ ހަމަޖެހިފައި." މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ މަސްވެރިންގެ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ކިރުވޭނެ ރަނގަޅު ނިޒާމެއް ނެތުންކަމަށެވެ. އަލަށް މި ފަށާ މަސައްކަތާއިއެކު މި މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެލިވަރަށް ދެން އަންނަ ހުރި ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް، މި މަސައްކަތާއެކު އެކި މަރުޙަލާތަކުގައި ކުރިއަށްގެންދާނެކަމަށް ޒަހާވަނީ ވިދާޅުވިއެވެ.