ވިޔަފާރި

އިތުރު 13 ރަށެއްގައި މިއަހަރު އައިސްޕްލާންޓް ޤާއިމްކުރަނީ


މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 29 ރަށެއްގައި 54 އައިސްޕްލާންޓް އަންނަނީ ހިންގަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓް އެބަހުރިކަމަށެވެ. އެހެންނަމަވެސް އައިސް ލިބުމުގައި ބައެއްފަހަރު ދަތިތައް ދިމާވަނީ އެއް ސަރަހައްދަކުން ގިނަ ދޯނިތަކުން އައިސް ހޯދުމުގެ މަސައްކަތް ކުރާތީކަމަށެވެ. މަސްވެރިންގެ މި ކަންބޮޑުވުން ހައްލު ކޮށްދެއްވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 13 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެ އަތޮޅެއްގައިވެސް އައިސް ޕްލާންޓްތަކެއް އެބަހުރި އިނގޭތޯ. އެކަމަކު މަސްވެރިކަން ކުރާ ސަރަހައްދުތަކުން އައިސް ހޯދަންވީމަ ހުންނަ ދަތިތައް ހުންނާނެ. ފެލިވަރުގަވެސް އިތުރު އައިސްޕްލާންޓެއް ޤާއިމްކުރެވޭނެ. މިއަހަރު ތެރޭގައި އިތުރު 13 އައިސްޕްލާންޓެއްގެ މަސައްކަތް ހިނގާނެ. މީގެއިންވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ. މީގެއިތުރުން ފެން ފިނިކުރާ ނިޒާމް އެޅުމަށްޓަކާވެސް 50 ލޯނަށް ހުޅުވާލެވޭނެ. މި ހުޅުވާލީމަވެސް ދޯނިތަކަށް ލިބިގެންދާނެ ލުއިކަމެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި އައިސްޕްލާންޓް އެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކަނޑައަޅާފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީއެވެ. މީގެތެރެއިން ގއ.ގެމަނަފުށީ އައިސްޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދެންހުރި ހުރިހާ ރަށެއްގައި ޤާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓްތަކެކެވެ. މިނިސްޓްރީން ބުނީ މީގެތެރެއިން 3 އައިސްޕްލާންޓެއް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އެއީ މަޑުއްވަރީ، ގާފަރު އަދި ފީއަލި އައިސްޕްލާންޓެވެ.

މަސް ދޯނިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް މި ސަރުކާރުން ދޫކުރާ ލޯނަކީވެސް މަސްވެރިންނަށް އައިސް ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބިގެންދާ ނިޒާމެކެވެ. "ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިކަމުގައި ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.