ޚަބަރު

ހިޔާ ފްލެޓުގެ ދާއިމީ ލިސްޓް : އެންމެ ބޮޑު ބަދަލެއް ފެންނާނީ ޓީޗަރުންގެ ކެޓަގަރީން


ހިޔާ ފްލެޓުތަކުގެ ލިސްޓުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ޓީޗަރުންގެ ފްލެޓުތަކުގެ ކެޓަގަރީންކަމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ވިދާޅުވެއްޖެއެވެ.

އެކޮމިޓީން މިހެން ވިދާޅުވެފައިވާއިރު މިހާރުވަނީ މިމަސް ނިމުމުގެ ކުރިން ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓު ޢާއްމުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފްލެޓުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ކޮމިޓީގެ މެމްބަރު ޠާހާ މުޙައްމަދު ވިދާޅުވީ ޓީޗަރުންގެ ކެޓަގަރީތަކުގައި ފެލްޓު ދޫކުރުމަށް ކުރިން އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން ޙައްގުވާ ފަރާތްތަކަށް ފްލެޓު ލިބޭނެ މަގު ވަރަށް ބޮޑަށް ހަނިވެފައިވާކަމަށެވެ. އެގޮތުން އުސޫލުގައި ކުރިން އޮތް ގޮތުން މާލޭގައި އެތައް އަހަރުތަކެއް ވަންދެން ކިޔަވައިދިނުމުގައި ޙަރަކާތްތެރިވަމުންދާ ޓީޗަރުންނާއި އެއަށްވުރެ މަދު ދުވަސް އެކަމުގައި ހޭދަކޮށްފައިވާ ޓީޗަރުންގެ މެދުގައިވެސް ޕޮއިންޓު އެއްވަރަކަށް ހުރިކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް މިކަން އެންމެ އިންސާފުވެރިކޮށް ކުރުމަށް ޓީޗަރުން ކިޔަވައިދިނުމުގައި ހޭދަކުރި މުއްދަތަށް ބެލިގެން ޕޮއިންޓު ދިނުމަށް ބަދަލެއް ގެނެވިފައިވާކަން އެކޮމިޓީން ފާހަގަކުރައްވައެވެ.

"ކުރީ ސަރުކާރުން ނިންމާފަ އޮތީ ކުރިމަތިލީހާ ޓީޗަރުންނަށް ފްލެޓު ދޭން. އެހެންވީމަ އެގޮތަށް ބެލިފައެއް ނެތް. މިހާރު އެލޮކޭޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވިފަމިވަނީ. މިހާރު އަޅުގަނޑުމެން ބަލާފަވާނެ ގްރޭޓަރ މާލެ ސަރަޙައްދުގަ ވަޒީފާ އަދާކުރި މުއްދަތު ބަލާފަ އެކަމަށް އިންނާނެ ބަދަލެއް ގެނެސްފަ." ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ޓީޗަރުންގެ ފްލެޓު ތަކާ ގުޅޭގޮތުން އެންމެ ބޮޑު އެއް މައްސަލައަކަށް ވީ ޕޮއިންޓު ދިނުމުގައި ކިޔަވައިގެން ހުރި ދާއިރާއާއި ކިޔަވައިދޭ ދާއިރާއާއި އޮންނަ ގުޅުމާމެދު އޮތް މައްސަލައެވެ. މިއީ ޓީޗަރުންގެ މެދުގައި ކަންބޮޑުވުން އިތުރުވިކަމެކެވެ. އެހެންނަމަވެސް މިހާރު މިކަން އިސްލާޙުކޮށް ޓީޗަރުންގެ ތެރޭގައި ސެޓްފިކެޓު ޙާސިލުކޮށްފައިވާ ދާއިރާއަކުން ކިޔަވައިދިނުމުގައި ޙަރަކާތްތެރިވާ ގޮތަށް އޮތް އުސޫލު ބަދަލުކޮށްފައިވާކަމަށް ފްލެޓު މައްސަލަ ބަލާ ކޮމިޓީއިން ވިދާޅުވެއެވެ.

"ކިޔަވައިގެން ހުރިދާއިރާއަކުން ކިޔަވައިދިނުމުން ޕޮއިންޓް ލިބޭ އުސޫލު އިސްލާޙުކުރުމަށް އަޅުގަނޑުމެން ހަޔަރ އެޑިއުކޭޝަނާއި، އެޑިއުކޭޝަނާއި، ކޮލިފިކޭޝަން އޮތޯރިޓީއާ މަޝްވަރާކޮށް މިހާރުވާނީ ޝަރީއާއިން ލޯއިން މަތީތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ޓީޗަރަކު އިސްލާމް ދިވެހި އުނގަންނާއިދެއްވިޔަސް ޕޮއިންޓް ލިބޭގޮތަށް ބަދަލުކޮށްފަ." ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުރި ގިނަ މައްސަލަތަކެއް ޙައްލުކޮށް ފްލެޓު ޙައްގުވާ ކެޓަގަރީތަކުން ދޫކުރާ ފްލެޓުތަކުގެ މަޢުލޫމާތު ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ. މީގެ ތެރޭގައި ޓީޗަރުންނަށް 625 ފްލެޓު ދިނުމަށް ނިންމާފައިވާކަމަށްވެސް އެކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 7000 ފްލެޓު ލިބުނުކަމުގެ ލިޔުން 9500 އަށްވުރެ ގިނަ ފަރާތްތަކަށް ކުރީ ސަރުކާރުން ދީފައިވާކަމަށް ފްލެޓުތަކާބެހޭ މައްސަލަ ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޓީން ވަނީ ވިދާޅުވެފައެވެ.

ފްލެޓްތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު މިހުރިހާކަމެއް ޙައްލުކޮށް ފްލެޓުތަކާ ގުޅޭ ގޮތުން ހުށައަޅާފައިވާ ހުރިހާ ޝަކުވާތަކެއްވެސް ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ދާއިމީ ލިސްޓު ޢާއްމުކުރައްވާނެކަމަށް ކޮމިޓީން ވަނީ ހާމަކުރައްވާފައެވެ.