ކުޅިވަރު

ނިއުކާސްލްއާ ވާދަކޮށް ފަސޭހަ ކަމާއެކު އާސެނަލްއިން މެޗު ކާމިޔާބުކުރުން


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު އާސެނަލް ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުން ލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ޕިއަރ އެމެރިކް އައުބަމެޔާންއެވެ. އާސެނަލްގެ ދެވަނަ ލަނޑު އޭގެ ދިހަ މިނެޓްފަހުން ޖަހާދިނީ ޒުވާން ކުޅުންތެރިޔާ އެމީލް ސްމިތު ރޯ އެވެ. އަދި ފަހު ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އައުބަމެޔާންގއެވެ. މިއީ މިސީޒަންގައި އާސެނަލްއަށް އޭނާ ކާމިޔާބުކޮށްދިން 5 ވަނަ ލަނޑެވެ. މިދިޔަ ސީޒަންގައި އާސެނަލްއަށް ލީގުގައި 22 ލަނޑު ޖަހައިދީފައިވާ އައުބަމެޔާންގ އަށް މިފަހަރުގެ މުބާރާތުގައި މިހާތަނަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު އާސެނަލްވަނީ 19 މެޗް ކުޅެގެން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ނިއުކާސްލް އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ވަނީ މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންގޮސްފައިވާ ކުޅުމާމެދު ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ. އަދި ހާއްސަކޮށް އައުބަމެޔާންގ މިމެޗްގައި ދެ ލަނޑު ޖެހުމުން އެކަމާ އުފާކުރާކަންވެސް ހާމަކުރިއެވެ. އާޓެޓާ ހާމަކުރިގޮތުގައި މިސީޒަންގައި އޭނާއަށް ލަނޑު ޖެހެމުން ނުދިއުމުގެ އަސަރު މުޅި ޓީމަށް ކުރަމުން ދިޔަ ކަމަށާއި އަދި އަލުން އާސެނަލްގެ ކެޕްޓަންގެ ފަރާތުން ލަނޑުތައް ފެނުންމިއީ މުޅި ޓީމަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމުގައި އާޓެޓާ ހާމަކުރިއެވެ.

ނިއުކާސްލްގެ ކޯޗު ސްޓީވް ބްރޫސް ހާމަކުރިގޮތުގައި އޭނާގެ ކުޅުންތެރިން މިމެޗްގައި އެޓީމަށް ކުޅެވުނު އެންމެ ރަގަޅަށް ކުޅުނު ކަމަށާއި އަދި ރަގަޅު ހަމަލާތައްވެސް އުފެއްދިކަމަށެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނީ ކަމުގައި އޭނާ ހާމަކުރިއެވެ. ނިއުކާލްސްއިން މެޗަކުން މޮޅު ނުވާތާ 8 މެޗް ގޮސްފައިވާތީ ބްރޫސްއަށް އެޓީމްގެ ސަޕޯޓަރުންގެފާޑުކިޔުންވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.