ޚަބަރު

ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި އެއްވުން ނުބޭއްވޭނެ


އެމް.ޑީ.ޕީން އިންތިޒާމްކޮށްގެން  ބާއްވަމުންގެންދާ ކަންމަތީ ބައްދަލުވުންތައް ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި މިރެއިން ފެށިގެން ނުބޭއްވޭނަކަމަށް ފުލުހުން އެ ޕާޓީއަށް އަންގައިފިއެވެ.ފުލުހުން ބުނީ މި ނިންމުން އަންގައި އެ ޕާޓީއަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. މި ސިޓީގައި ބުނެފައިވާ ގޮތުގައި "ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު" ގެ 41 ވަނަ މާއްދާއިން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ޗާންދަނީމަގާއި ފަރީދީމަގު ގުޅުނު ކަންމަތީގައި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަކީ ހުއްދަ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ސިލްސިލާކޮށް އެއްތަނެއްގައި މިގޮތަށް ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ސަބަބުން، އެސަރަހައްދު ބޭނުންކުރަމުން އަންނަ އާއްމުންގެ ގިނަ ބަޔަކަށް އެ ސަރަހައްދު ބޭނުންކުރުމުގައި ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، ވިޔަފާރިތަކާއި، ރެސްޓޯރަންޓްތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، އެ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްތަކާއި ހޮޓާތަކުގައި ތިބޭ ފަތުރުވެރިންގެ އިތުރުން ދުއްވާފަރާތްތަކަށްވެސް ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެސް ސިޓީގައި ފަހަގަކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.މި ދުވަސްވަރަކީ ޖީ.ސީ.އީ އޯލެވެލް އިމްތިހާން ފެށީގެން ކުރިއަށްދާ ދުވަސްވަރަކަށްވެފައި، އެ ސަރަހައްދުގައި އަޑުގަދަވުމުގެ ސަބަބުން ކިޔަވާ ކުދިންނަށް އެކަމުގެ އުނދަގޫ ފޯރަމުންދާތީ ބެލެނިވެރިންގެ ފަރާތުން އެކިއެކި ޝަކުވާތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅެމުންދާކަންވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.މީގެިއތުރުން މިހާތަނަށް ބޭއްވުނު އެއްވުންތަކުގައި ފުލުހުން ސަލާމަތީކަންކަން ބަލަހައްޓައި، ސަލާމަތްތެރިކަން ފޯރުކޮށްދޭން މަސައްކަތްކޮށް ރައްޔިތުންނަށް މަގު ބޭނުންކުރުމުގައި ދަތިނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރިނަމަވެސް، އެކަމަށް އިޖާބަ ނުދީ، ދުއްވާތަކެއްޗަށް ދަތިވާގޮތަށް ބައްދަލުވުމުގެ ބައިވެރިންގެ ޢަމަލުތައް ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ޤާނޫނު ނަމްބަރު 01/2013 “ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގެ 30 ވަނަ މާއްދާގައިވާ ފަދައިން، އެއްވުން ބާއްވާކަމުގެ ނޯޓިސް، އެ ނޯޓިސް ދޭ އެއްވުމެއް ބެއްވުމުގެ މަދުވެގެން 36 ގަޑިއިރު ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދޭންވާނެކަމަށްވެސް ފުލުހުންގެ ފަރާތުން އެމް.ޑީ.ޕީއަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.