ޚަބަރު

އަމާޒަކީ އޮކްޓޫބަރު މަހު ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށުން - އާޒިމް


އަމާޒަކީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރީކޮޅު ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށުންކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހައިސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. ޒޯން 1 ގައި ހިމެނެނީ ހއ.އާއި ހދ.އާއި ށ. އަތޮޅެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހައިސްޕީޑް ފެރީގެ ނިޒާމް ފެށުމަށްޓަކައި މިހާރުވެސް މަސައްކަތްތައް ކުރިއަށްދާކަމަށެވެ. މިގޮތުން ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަކަމަށާ، ފެރީގެ ޚިދުމަތް ފެށުމަސްރަކައި ރަށުކައުންސިލްތަކާވެސް މަޝްވަރާކުރަމުން އަންނަކަމަށެވެ.

އާޒިމް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ހެދުމަށް ހަމަޖެހިފައިވާ ޓާރމިނަލްތައް ހަދާނެ ތަންތަން ހަމަޖެއްސުމާއި ފެރީތައް ބަނދަރުކުރާނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް ލޯންޗްތައް ކައިރިކުރާނެ ސަރަޙައްދުތައް ކަނޑައެޅިގެންދާނެކަމަށާ މިހަފްތާނިމުމުގެ ކުރިން މިފަދަ މަސައްކަތްތައް ނިމިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެމްޓީސީސީގެ އަމާޒާކީ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެފަހަރާ ކުރަންފެށުން ކަމަށާއި އެއްވެސް މަސައްކަތެއް ލަސްވެއްޖެނަމަ ޚިދުމަތް ފެށުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ޓާރމިނަލްތައް އަޅާ ސަރަހައްދުތައް މޯބަލައިޒް ކުރަން ޖެހޭ. އަޅުގަނޑުމެންނަށް އެބަޖެހޭ ޓަރމިނަލް އަޅަން ބޭނުންވާ ސާމާނު ހޯދުމާއި އެމަސައްކަތްތައް ފަށަން. މިހާރު މަސައްކަތް ނުފަށައިފިނަމަ ދަތިވާނެ. މިކަމަށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ." އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީގައި ލޯންޗްތައް ބަނުމުގެ ކެޕޭސިޓީ މިވަގުތު ނެތްކަމަށެވެ. އެހެންކަމުން ލޯންޗްތައް ބަނުމަށްޓަކައި ރާއްޖޭގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާ ވާހަކަދައްކަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަށް މަސްދުވަހުގެ ތެރޭ 17 ލޯންޗް ބަންނަންޖެހޭއިރު އެމަސައްކަތް ކުރާނީ އެމްޓީސީސީގެ ޤަވައިދާ އެއްގޮތަށް، އެކަމަށް ޤާބިލު މީހުންކަމަށް އާޒިމް ވިދާޅުވިއެވެ. މި ފެރީތަކަކީ ބަލިމީހުންނަށާއި މާބަނޑު މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ލޯންޗްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ.

"ފާޚާނާ ހުންނާނެ. ސީޓުތަކުގެ ފެންވަރު ރަނގަޅުވާނެ. ސަރުކާރުން ބޭނުންވާނީ މި ލޯންޗްތަކުގައި ދަތުރު ކުރާ މީހުންނަކީ ހިތްހަމަޖެހިގެން ދަތުރު ކުރާ ބައެއްކަމަށް ހެދުން. މިކަމުގެ ޔަޤީންކަން ރައްޔިތުންނަށާއި ސަރުކާރަށްވެސް ދެން. އެމްޓީސީސީގެ ސިއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ." އާޒިމް ވިދާޅުވިއެވެ.

ހައިސްޕީޑް ފެރީގެ ޚިދުމަތް ހަފްތާގެ 7 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިޚިދުމަތުގައރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށާ، މިޚިދުމަތަކީ އެންމެ މަތީ ނިޒާމްގައި ދެވޭ ޚިދުމަތެއްގެ ގޮތުގައި ހަދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ހައިސްޕީޑް ފެރީގ ޚިދުމަތް ދިނުމަށް ފްރޭމް ވޯކް އެކުލަވާލާފައިވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އަދި ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައިރި ރަށްރަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ.ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތަޢާރުފުކުރުމުގެ އެއް މަޤްޞަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.