ކުޅިވަރު

ނާދުގެ އެއްބަސްވުން އުވާލައިފި


ސުޕަރ ޔުނައިޓަޑް ސްޕޯޓްސްއާއެކު ވެފައިވާ އެއްބަސްވުން ކޯޗް އަހުމަދު ނާޝިދު އުވާލައިފިއެވެ.

ސަސްއިން ކޯޗް އަހުމަދު ނާޝިދުގެ އެއްބަސްވުން އުވާލާފައިވަނީ މީގެ ދެ ދުވަސްކުރިން ކޯޗްގެ މަގާމުން އިސްތިޢުފާ ނުދޭނެކަމަށް ނާދު ބުނިފަހުންނެވެ. ނާދުއާއެކު ވެފައިވާ އެއްބަސްވުން ސަސްއިން އުވާލާފައިވާއިރު، މިވަގުތު ސަސް އޮތީ ލީގް ތާވަލްގެ ފަސްވަނަގައިއެވެ. އެޓީމް ކުޅުނު 6 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ސަސް 1 މެޗުން މޮޅުވިއިރު، 3 މެޗުންވަނީ އެއްވަރުވެފަ އަދި 1 މެޗުންވަނީ ބަލިވެފައެވެ. ސަސް ބަލިވެފައިވަނީ އެންމެފަހުގެ ލީގް ޗެންޕިއަން މާޒިޔާއަތުން އެކަންޏެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ސަސްއާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލުކުރި މެޗަށްފަހު ނޫސްވެރިންކުރި ސުވާލްތަކަށް ޖަވާބުދެމުން އަހުމަދު ނާޝިދު ބުނީ ނަތީޖާ ދަށްވެގެން، ކޯޗް ބަދަލްކުރާ ހިސާބަށް އަދި ނުދާކަމަށާއި ކޯޗްކަމުން އިސްތިއުފާ ނުދޭނެކަމަށެވެ. އަދި ކޯޗްކަމުން ވަކިކުރިނަމަވެސް އެއްވެސް ބަޔަކަށް ފުޓްބޯޅައާއި ދުރު ނުކުރެވޭނެކަމަށްވެސް ނާދު ވަނީ ބުނެފައެވެ.

ސަސްއިންވަނީ ކޯޗް ނާދު ޓީމަށްކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މުސްތަގްބަލުގައި ކުރާ މަސައްކަތަށް މަރުހަބާ ކިޔާފައެވެ. ސަސްގެ ކޯޗުކަމާއި ދެން ހަވާލުވާނެކަމަށް މިހާރު އަޑުފެތުރިފައިވަނީ އެންމެފަހު ކުލަބް އީގަލްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ޑިސެންބަރު މަހުގެ 13ވަނަ ދުވަހު ފެށިފަހުން ކުލަބްތަކާއި ވެފައިވާ އެއްބަސްވުން 4 ކޯޗަކުވަނީ އުވާލާފައެވެ. އެންމެ ފުރަތަމަ މާޒިޔާގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް ކުލަބާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާއިރު، ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް އާއި ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްވެސްވަނީ ކުލަބާއެކު ވެފައިވާ އެއްބަސްވުން އުވާލާފައެވެ.

ޔުނައިޓަޑް ވިކްޓްރީގެ ވަގުތީ ކޯޗަކަށް މިހާރު ހަމަޖައްސާފައިވަނީ އެޓީމްގެ އެސިސްޓަންޓް ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި)އެވެ.