ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އަންގުވާދޭ ސަރވޭ ރިޕޯޓެއް ޢާންމު ކޮށްފިއެވެ.
މި ރިޕޯޓް ޢާންމުކޮށްފައިވަނީ، މިކަމަށްޓަކާ އަންގާރަ ދުވަހު ޝީ ބިލްޑިންގ ގައި ބޭއްވި ޕްރެސް ކޮންފްރަންސްއެއްގައެވެ. މިރިޕޯޓްގައި ދައުލަތުގެ މުއައްސަސާތަކާ މެދު މީހުން ދެކޭގޮތުގެ މައްޗަށާއި ސަރުކާރާމެދު އޮތް އިތުބާރުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
މި ސަރވޭގައި ބައިވެރިވެފައިވަނީ ހޮވާލެވުނު އެއްހާސް ފަރާތެކެވެ.
ސަރވޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ޑިމޮކްރަސީ ހަރަދަނާވަމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ދަށްވެފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް މެނޭޖަރ ތާރިގް ހާމިދު ވިދާޅުވިއެވެ. އޭނާ ވަނީ ސަރވޭއިން ފާހަގަކުރެވުނު މުހިންމު ބައިތައް ނޫސް ވެރިންނާ ހިއްސާ ކުރައްވާފައެވެ.
" ސަރވޭއިން ފާހަގަވި އެންމެ މުހިންމު ނުކުތާއަކީ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވުން. އަދި ސަރުކާރާއި މެދު މީހުން ދެކޭގޮތްވެސް ތަފާތު." ތާރިގް ހާމިދު ވިދާޅުވިއެވެ.
" އިންތިޚާބް ވުމުގެ ބޭނުމުގައި ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ރައްޔިތުންނަށް ދޮގު ހެދުމާއި އޮޅުވާލުމަށް ސިޔާސީ ފަރާތްތަކުން ފަސް ނުޖެހޭނެ ކަމަށް އެބަ ބުނޭ %94 މީހުން. ޤައުމުގެ ބާރުތައް ހުރީ ވަކި ބައެއްގެ މުށުތެރޭގައި ކަމަށް %80 އިންސައްތަ މީހުން އެބަ ގަބޫލުކުރޭ."
ސަރވޭގެ ނަތީޖާއިން އެކުލަވާލެވުނު ރިޕޯޓް ސަރުކާރުގެ އިދާރާތަކާއެކު ހިއްސާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ. ޑިމޮކްރަސީ ސަރވޭ އެންމެ ފުރަތަމަ ހަދާފައިވަނީ ދެހާސް ތޭރަވަނަ އަހަރެވެ. މިއީ، މި ސަރވޭ ކުރިއަށް ގެންދިޔަ ދެވަނަ ފަހަރެވެ.