ވިޔަފާރި

ރިސޯޓް ކޭސްތައް އިތުރުވަނީ ގައިޑްލައިންއަށް އަމަލުކުރުމުގައި އިޙްމާލުވާތީ: ޓޫރިޒަމް މިނިސްޓްރީ


އައު އަހަރު ފެށުމާއިއެކު ރިސޯޓްތަކުން ފެންނަ ކޭސްތަކުގެ އަދަދުތައް ވަނީ އިތުރުވެފައެވެ. ރިސޯޓްތަކުން ފެންނަ ގިނަ ކޭސްތަކަކުގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ ރިސޯޓް މުވައްޒަފުންނެވެ. ގައިޑްލައިންގައި ހުރި ކަންކަމަށް އެންމެ އެކަށީގެންވާ ގޮތުގައި އަމަލުކުރާނަމަ ރިސޯޓްތަކުން ފެންނަ ކޭސްތަކުގެ އަދަދު ދަށްވާނެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ރިސޯޓްތަކުން މިހާރު ފެންނަމުންދާ ގިނަ ކޭސްތައް ފެންނަނީ މުވައްޒަފުންގެ ތެރެއިންކަމަށެވެ. އަދި ކޭސްތައް ގިނަވަނީ އެއް ރިސޯޓަކުން ގިނަ ކޭސްތައް ފެންނާތީކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، މުވައްޒަފުންގެ ތެރޭގައި ކޭސްތައް ފެންނަން ފަށާފައިމިވަނީ މިއަހަރުގެ ތެރޭގައިކަމަށެވެ. އަދި ކުރިން ކޭސްތައް ފެންނަ މިންވަރު ދަށްވެފައިވަނީ ގައިޑްލައިންތަކަށް އަމަލުކުރެވުމުންކަމަށް އެނާ ވިދާޅުވިއެވެ. ރައްޒާން ވިދާޅުވީ ރާއްޖެއިން ބޭރުންނާއި އަދި މާލެ ސަރަހައްދުން ރިސޯޓްތަކަށް އެނބުރިދާ މުވައްޒަފުންގެ ކަރަންޓީނުގެ ކަންކަން އެ އޮންނަ އުސޫލުގެ ދަށުން ކުރާނަމަ ކޭސްތައް ފެންނަ މިންވަރު ދަށްވާނެކަމަށެވެ.

"އަޅުގަނޑުމެން އިލްތިމާސް މިކުރަނީ ގައިޑްލައިންގައި މިހުރި ކަންކަން ހަމަ އެންމެ ރަނގަޅަށް ފޮލޯކޮށް ވަކިން ޙާއްސަކޮށް ރާއްޖެއިން ބޭރުންނާއި އަދި މާލެ ސަރަހައްދުން ރިސޯޓްތަކަށް އެނބުރި މަސައްކަތައްދާ މުވައްޒަފުންގެ ކަރަންޓީން ކަންކަން އެ އޮންނަ އެންމެ ރަނގަޅު ގޮތުގައި އެކަން ކުރުމަށް. އެކަން ކަށަވަރު ކުރެވެންޏާ މުވައްޒަފުންގެ ތެރެއިން ކޭސްތައް ފެނުމަކީ ހަމަ ވަރަށް ނާދިރު ކަމަކަށް ވެގެންދާނެ. މިހެން މިދަންނަވާލީ ފަތުރުވެރިންގެ ތެރެއިން ވަރަށް ކުޑަ ނިސްބަތެއް މި ޕޮޒިޓިވްވެގެންދަނީ. އަދި އެނގޭކަށްނެތް ފަތުރުވެރިޔަކާއި ގުޅޭ ކޭސްއަކުން މުވައްޒަފުން މިގޮތައް ފޮޒިޓިވްވެފައި އައިކަމެއް." އަލީ ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ފަތުރުވެރިންނަށް ޙިދުމަތްދޭއިރު ގައިޑްލައިންއަށް އަމަލުކުރިނަމަވެސް، ސްޓާފް އޭރިއާގައި ގައިޑްލައިންތަކަށް އަމަލުނުކުރާކަން ފާހަގަވެފައިވާކަމަށެވެ. މުވައްޒަފުންގެ ތެރޭގައި ފެންނަ ކޭސްތައް ގިނަވެގެން ދިއުމާއިއެކު ރިސޯޓްތަކުގެ މެޑިކަލް ޓީމްތަކާއި ރިސޯޓްގެ މެނޭޖްމަންޓާއި އެޗްއީއޯސީގެ ޓީމުން ބައްދަލުކޮށް އިރުޝާދު ދެމުންއަންނަކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ ދޫކޮށްފައިވާ އެއްވެސް ތަނަކުން ގައިޑްލައިން އަދި އެސްއޯޕީއަށް އަމަލުނުކުރާނަމަ އެފަރާތަކަށް ދީފައިވާ ހުއްދަ ބާތިލްކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.