ކުޅިވަރު

ބަޔާންއަށް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެސްސީ ފްރެއިބަރގް ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.
މެޗްގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓްގައި ޖަހައިދިނީ ބަޔާންގެ ތަޖްރިބާކާރު ފޯވަޑް ޕޯލަންޑްގެ ރޮބަރޓް ލެވަންޑޯވްސްކީއެވެ. މިއީ އޭނާ މިފަހަރުގެ މުބާރާތުގައި ކާމިޔާބުކުރި 21 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ބުންޑަސްލީގާގައި ލަނޑު ޖެހުމުގެ އާ ރިކޯޑެއް ގާއިމްކޮށްފައެވެ. މިއީ ފުރަތަމަ 16 މެޗުގައި ކުޅުންތެރިޔަކު 21 ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެއިތުރުންވެސް އޭނާއަށް މިމެޗްގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

މިފަހަރުގެ މުބާރާތުގައި ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ފްރެއިބަރގުން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ޕީޓަރސަންއެވެ. އަދި މިމެޗުން ބަޔާން މޮޅުވި ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީ ތޯމަސް މުލަރއެވެ.

މިކާމިޔާބީއާއެކު ބަޔާން އަށް މިހާރުވަނީ ޕޮއިންޓް ތާވަލްގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އުޅޭ އާރް.ބީ. ލީޕްޒިގަށް 16 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި ފްރައިބަރގަށް ލިބިފައިވަނީ 16 މެޗުން 23 ޕޮއިންޓެވެ.