ވިޔަފާރި

އަންނަމަހުން ފެށިގެން ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރެވޭނެ


ރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އުޅަނދުފަހަރުގެ ވެރިފަރާތުން ބޭނުންވެއްޖެނަމަ ސެކަންޑްރީ ޝިޕިންގ އެޖެންޓުން އައްޔަންކުރެވިދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެކަންޑްރީ ޝިޕިން އެޖެންޓުން އައްޔަންކުރެވޭގޮތަށް ހަމަޖައްސާފައެވެ.

ސެކަންޑަރީ ޝިޕިންގ އެޖެންޓުން އައްޔަންކުރަނީ ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް ޢައްޔަންކުރެވޭ ޝިޕިންގ އެޖެންޓުންގެ އިތުރުން، އުޅަނދުފަހަރުގެ ވެރިފަރާތުން ބޭނުންވެއްޖެ ހިނދެއްގައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ސެކަންޑަރީ ޝިޕިންގ އެޖެންޓް ޚިދުމަތުގެ ގޮތުގައި ކުރަން އެއްބަސްވާ ކަންކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސެކަންޑަރީ ޝިޕިންގ އެޖެންޓަށެވެ. އަދި ސެކަންޑަރީ ޝިޕިންގ އެޖެންޓް ފޯރުކޮށްދިނުމަށް އެއްބަސްވާ ޚިދުމަތްތައް އަދާކުރުމުގައި ކަސްޓަމްސްގެ ޤާނޫނާ ގަވާއިދާ ޚިލާފަށް އެފަރާތުން ހިންގާކަންކަމަށް ޒިންމާވާނީ ސެކަންޑަރީ ޝިޕިންގ އެޖެންޓެވެ.

ސެކަންޑްރީ ޝިޕިންގ އެޖެންޓް ޢައްޔަންކުރުމަށް ކަނޑައެޅިފައިވާ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ސެކަންޑަރީ ޝިޕިންގ އެޖެންޓް ހަމަޖެއްސިކަން ބަޔާންކޮށް އުޅަނދުގެ ވެރިފަރާތުގެ ނުވަތަ މާސްޓަރގެ ލިޔުމަކާއެކު ސެކަންޑްރީ ޝިޕިންގ އެޖެންޓަކަށް ޢައްޔަންވުމަށް އެދޭ ފޯމް ކަސްޓަމްސްއަށް ހުށައަޅަންޖެހެއެވެ. މިކަމަށް އައްޔަންކުރާ ފަރާތަކީ ޝިޕިންގ އެޖެންޓެއްގެ ގޮތުގައި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ސެކަންޑަރީ ޝިޕިންގ އެޖެންޓްގެ ގޮތުގައި ޢައްޔަންކުރެވޭނީ އުޅަނދުގެ ކްރޫ ޗޭންޖް، ގާބޭޖް ކްލީނިންގ، ރިޕެއަރ، ތެލާއި، ފެނާއި ކާބޯތަކެތި އެރުވުމާއި، ހަތިޔާރާއި، ބޯޓުފަހަރުގައި ހަތިޔާރު ބަލަހައްޓާ ފަރާތްތައް (އާމްޑް ގާޑްސް) ފަދަ އިމްޕޯޓް/އެކްސްޕޯޓް މުދަލާ ގުޅުންނެތް ޚިދުމަތްތަކަށްކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

އުޅަނދުގެ ކޮންމެ ބައިނަލްއަޤްވާމީ ދަތުރަކަށް ޢައްޔަންކުރެވޭނީ 1 ސެކަންޑްރީ ޝިޕިންގ އެޖެންޓެވެ. އަދި އެޖެންޓް ބަދަލުކުރަން ޖެހިއްޖެނަމަ، އެކަންކުރާނީ ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ޝިޕިންގ އެޖެންޓް ބަދަލުކުރުމަށް އެކަށައެޅިފައިވާ ގޮތުގެ މަތީންނެވެ.