މުނިފޫހިފިލުވުން

މޯލްޑިވިއަންއައިޑަލްގެ ބައެއް އޮޑިޝަންތައް ފަސްކޮށްފި


މޯލްޑިވިއަން އައިޑަލްގެ ހދ. ކުޅުދުއްފުށި، އަދި މާލޭ ސިޓީގެ އޮޑިޝަންތައް ފަސްކޮށްފިއެވެ. ހދ. ކުޅުދުއްފުށީގެ އޮޑިޝަން މިމަހުގެ 24 ވަނަ ދުވަހު ބާއްވާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، ކުޅުދުއްފުށީ އޮޑިޝަން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މާލޭ ސިޓީގެ އޮޑިޝަން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާގޮތަށް ކުރިން ހަމަޖެހިފައި އޮތްނަމަވެސް، މާލޭ ސިޓީގެ އޮޑިޝަންތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 14 ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވިއަން އައިޑަލްގެ ކުޅުދުއްފުށި އަދި މާލޭ ސިޓީގެ އޮޑިޝަންތައް ބާއްވާ ތާރީޚުތަކަށް ބަދަލު ގެންނަންޖެހުނީ ޖަޖުންގެ ޕެނަލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ތުރުކީގައި ބާއްވާ ބައިނަލް އަޤްވާމީ ފެންވަރުގެ ޝޯ އެއްގައި ބައިވެރިވުމަށް ފުރަން ޖެހުމުންކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ. މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ޕެނަލްގައި 3 ބޭފުޅަކު ހިމެނޭއިރު، އައިޑަލްގެ ހުރިހާ އޮޑިޝަންތަކެއްގައިވެސް މި 3 ޖަޖުން ބައިވެރިވާންޖެހެއެވެ. ރާއްޖޭގައި ފްރެންޗައިޒް އުސޫލުން ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯ، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ އޮޑިޝަން މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ބާއްވާފައިވާއިރު، ދެވަނަ އޮޑިޝަން ގއ. ވިލިނގިލީގައި މިމަހުގެ 17 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ތިން ވަނަ އޮޑިޝަން ޅ. ނައިފަރުގައި މިމަހުގެ 31 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.