ޚަބަރު

ދެއްވަދޫ ކްލަސްޓަރ: މިހާތަނަށް 69 މީހުން ޕޮޒިޓިވް


ގއ.ދެއްވަދޫން ކޯވިޑަށް މީހަކު ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓާ އާއި ގުޅިގެން މިހާތަނަށް 69 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ މިހާތަނަށް ގއ.ދެއްވަދޫން 55 މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެއަތޮޅު ވިލިނގިލިން 2 މީހާކާއި ދާންދޫން 6 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ލ.ފޮނަދޫން 4 މީހަކާއި ހުޅުމާލެއިން 2 މީހަކު ޕޮޒިޓިވްވެފައިވާކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ދެއްވަދޫގައި ކޯވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.

ގއ.އަތޮޅުގައި މިހާރު ކޯވިޑްގެ ނުރައްކާ ކުރިމަތިވެފައިވުމާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން މިދަނޑިވަޅުގައި މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ފެށުމާ އެޚިދުމަތް ހޯދުމަށް އެޗްއީއޯސީން ބާރުއަޅުއްވައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރު ޢާއްމުގޮތެއްގައި ހުއްޓުމަކަށް ގެނެވިފައިވީނަމަވެސް ޢާއްމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައްވަނީ ލުއިވެސް ކޮށްފައެވެ.

އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދިޔުމުގައި ހަމައެކަނި އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އަދި މިވަގުތު ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި އެކަކު އަނެކަކާއި ގައިދުރުކަން އިސްކޮށް ކޮންމެހެންވެސް މާސްކު އެޅުމަށް އެންމެފައި ފަރުދުންނަށް ވަނީ އަންގަވާފައެވެ.