ޚަބަރު

އައިޖީއެމްއެޗުން ހެދި ކޯވިޑް ޓެސްޓް 2 ލައްކައަށްވުރެ މައްޗަށް


އައިޖީއެމްއެޗްގައި މިހާތަނަށް 200،000އަށް ވުރެ ގިނަ ސާމްޕަލް ކޯވިޑް-19އަށް ޓެސްޓްކޮށްފިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ މިހާތަނަށް އެހޮސްޕިޓަލްގެ ލެބޯޓަރީން 203450 ސާމްޕަލް ކޯވިޑް 19 އަށް ޓެސްޓްކޮށްފައިވާކަމަށެވެ.

ކޯވިޑް-19 ވައިރަސް ހުރިތޯ ހަދާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (ޕީ.ސީ.އާރް) ޓެސްޓު ހެދުމަށް ނޭފަތާއި ކަރު ތެރެއިން ސާމްޕަލް ނަގައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ އައިޖީއެމްއެޗުގައެވެ. އެގޮތުން ރާއްޖެއިން ކޯވިޑް-19ގެ ކޭސްއެއް ފެނުމުގެ ކުރިން، ފެބްރުއަރީ މަހު މިޓެސްޓު ހެދޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސަރުކާރުންވަނީ އައިޖީއެމްއެޗުގައި ހަމަޖައްސަވާފައެވެ. އަދި 07 މާރޗް 2020 ގައި ކޯވިޑް-19ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުނުފަހުން 24 ގަޑިއިރު މެދުނުކެނޑި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

މި މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 3 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗުގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް މިހާރު އެޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރުކޮށްފައެވެ. މިއީ ސާމްޕަލް އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިންތަކާއި ޕީ.ސީ.އާރު މެޝިންތައް އަދި ހަމައެހެންމެ އިތުރު މުވައްޒަފުންތަކެއް ތަމްރީން ކުރެވިގެން ދިޔުމުގެ ނަތީޖާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.
އައިޖީއެމްއެޗްގެ އިތުރަށް އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރަށް ރާއްޖެގެ އެކި ކަންކޮޅުތަކުން ވަނީ ކޯވިޑް އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ރާއްޖެއިން ކޯވިޑް-19ފެނުނުތަކާ މިއަދަށް 316 ދުވަސް ވެފައިވާއިރު މިހާތަނަށް ބައްޔަށް ޓެސްޓްކުރުމަށްޓަކައި ވަނީ 3 ލައްކައަށް ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. ރާއްޖެއިން މިހާތަނަށް 14 ހާހަށް ވުރެ ގިނަ މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.