ސިޔާސީ

އެއްޗެއް ގޮއްވާލައިގެން ރައީސްއަށް ދިން ހަމަލާއެއް - ކޮމިޝަން


ރިޔާސީ ލޯންޗު ކޮޅުގައި ހިނގި ހާދިސާއަކީ، ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ނުރައްކާތެރި ހަމަލާއެއްކަމަށް ތަހުޤީޤުގައި އެހީތެރިވެދިން ސްރީލަންކާގެ މާހިރުންގެ ޓީމުން އިއްތިފާޤުވާކަމަށް ނަޝަނަލް އިންކުއަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަވަހާރަކޮށްލުމުގެ މަޤްޞަދުގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގެ ތަހުޤީޤާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ދާޚީލީ ވަޒީރު އުމަރު ނަސީރު ވިދާޅުވީ، މި ތަހުޤީޤުގައި އެހީތެރިވެދީފައިވާ ސްރީ ލަންކާގެ މާހިރުންގެ ޓީމުންގެ ހޯދުންތައް އެކުލެވޭ ރިޕޯޓު ކޮމިޝަނާއި ޙިއްޞާކޮށްފައިވާކަމަށެވެ. އުމަރު ނަސީރު ވިދާޅުވީ، ބޭރުގެ ތަޖުރިބާކާރުންނާއި، ކޮމިޝަނުންނާއި، ފުލުހުންގެ ތަހުޤީޤުތަކުން މިހާތަނަށް ހާމަވެފައިވާ ގޮތުގައި، ލޯންޗުކޮޅުގައި ހިނގި ހާދިސާއަކީ ރައީސް ޔާމީންގެ ފުރާނަފުޅަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާއެއްކަން ޔަޤީން ކުރެވޭކަމަށެވެ.އަދި، މި ތަހުޤީޤުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށާއި، ގިނަ ހެކިތަކާއި މަޢުލޫމާތުތަކެއްވެސް އެއްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ތަހުޤީޤުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭރުގެ އެހެން ޤައުމުތަކުގެ މާހިރުންގެ ޓީމްތަކުގެ ނިންމުން އަދި އެ ފަރާތްތަކުން ކޮމިޝަނާއި ޙިއްޞާ ކުރައްވާފައި ނުވާކަމަށްވެސް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.މި ހާދިސާގެ ފަހަތުގައިވަނީ ކޮން ބަޔެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ، މިއީ ހިނގަމުންދާ ތަހުޤީޤެއްކަމުން، މި ހާދިސާއާއި ގުޅުން ހުރި ފަރާތްތަކުގެ އިތުރު މަޢުލޫމާތު ނޫސްވެރިންނާއި ޙިއްޞާކުރެވެން ނެތްކަމަށާއި، ކޮމިޝަނުން އެއްވެސް ފަރާތެއްގެ ބޮލުގައި މިކަމުގެ ތުހުމަތު އަދި އަޅުވާފައި ނުވާނެކަމަށާއި، ކޮމިޝަނާއި ފުލުހުންގެ ތަހުޤީޤު ބިނާކުރާނީ ލިބޭ ހެއްކާއި ޤަރީނާގެ މައްޗަށްކަމަށެވެ.މި ހާދިސާއަކީ ލޯންޗުކޮޅުގެ އެއަރކޮނޑިޝަން ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިނގާފައިވާ ހާދިސާއެއްކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާ މަޢުލޫމާތު ދޮގުކުރައްވާ އުމަރު ނަސީރު ވިދާޅުވީ، މި ހާދިސާއާއި ލޯންޗުކޮޅުގެ އެއަރކޮނޑިޝަން ސިސްޓަމާއި އެއްވެސް ގުޅުމެއް ނެތްކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި، މިއީ ޣައްދާރުވުމުގެ ނުބައި ޓެރަރިސްޓް ހަމަލާއެއްކަމަށްވެސް އޭނާވަނީ ސިފަކުރައްވާފައެވެ.މީގެ އިތުރުން ނައިބްރައީސް އަދީބް އާއި މި މައްސަލައާއި އެއްވެސް ގޫލުމެއް ވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރ އުމަރު ވިދާޅުވީ އެއްވެސް ފަރާތަކަށް ކޮމިޝަނުން ތުހުމަތު ނުކުރާކަމަށާއި، ތަހްގީގްތައް ކުރެވެމުންދަނީ ހެކިތައް ހޯދައި އެ ހެކިތަކުގެ ފަހަތުން ކަމަށެވެ. އަދި، މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދާ، އެ ބަޔަކާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.