ދުނިޔޭގެ ވިޔަފާރި

ކޯވިޑްގެ ދެވަނަ ރާޅާއެކު ޗައިނާގެ އިޤްތިޞާދަށް ބިރުވެރިކަން


ޗައިނާގައި ކޯވިޑްގެ އައު ރާޅެއް ފެތުރެން ފަށައިފައިވާތީ ކުރިއަރަމުންދާ އެ ޤައުމުގެ އިޤްތިޞާދު ހީނަރުވާނެކަމަށް ބެލެވިއްޖެއެވެ.
ކޯވިޑް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިހާތަނަށް 88،188 މީހުންނަށް އެ ބަލި ޖެހި، 4،635 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

އެ ޤައުމުގައި ފެތުރުނު ބަލީގެ ފުރަތަމަ ރާޅަށްފަހު ޤައުމުގެ ޙާލަތުވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެއާއިއެކު އެ ޤައުމުގެ ހީނަރުވެފައިވާ އިޤްތިޞާދުވެސް ދިޔައީ ހަލުވިކަމާއިއެކު ކޮޅަށް ޖެހެމުންނެވެ. ނަމަވެސް ފާއިތުވި ދެތިން މަހުގެ ތެރޭގައި ބަލީގެ ދެވަނަ ރާޅެއް އެ ޤައުމުގައި ފެތުރި، މިދިޔަ ދިހަ މަސް ދުވަހުގެ ތެރޭގައި ޤައުމުގެ ޙާލަތު ގޯސްވެފައި ނުވާ މިންވަރަށް ޙާލަތަށްވަނީ ބަދަލު އައިސްފައެވެ. އެއާއިއެކު އެ ޤައުމުގެ ދެ ޕްރޮވިންސެއް ފުރަބަންދުކޮށް އެ ޕްރޮވިންސުތަކުގައި ދިރިއުޅޭ 28 މިލިއަން މީހުންވަނީ ބަންދުވެފައެވެ.

އެ ސަރަޙައްދުތައް ފުރަބަންދުކުރުމާއި ގުޅިގެން އެއް ތަނުން އަނެއް ތަނަށް މުދާ ގެންދިޔުމާއި ސިނާއީ ޙަރަކާތްތަކަށްވަނީ ހުރަސް އެޅިފައެވެ. އަދި ޗައިނާއިން ފާހަގަކުރާ އެ ޤައުމުގެ އައު އަހަރާއި ދިމާކޮށް ޗުއްޓީގައި އެކި ސަރަޙައްދުތަކަށް ދަތުރުކުރުމަށް ރާވަމުންދިޔަ މީހުންގެ އިންތިޒާމްތައްވަނީ ކެންސަލްކުރުމަށް މަޖުބޫރުވެފައެވެ. އެއާއިއެކު ޤައުމުގެ އިޤްތިޞާދަށް ލޮޅުމެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ.

ޗައިނާގައި މިވަގުތު ބަލި ފެތުރެމުންދަނީ ވަކި ސަރަޙައްދުތަކެއްގައިކަމުން ތަހުލީލުކުރުމުގެ މަސައްކަތްތަކާއި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާވުމުގެ ސަބަބުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޗައިނާގެ އިޤްތިޞާދަށް އައި ވަރުގެ ހީނަރުކަމެއް މި ފަހަރު އަންނާނެކަމަށް އިޤްތިޞާދީ މާހިރުން ޤަބޫލެއް ނުކުރެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހުގައި ޗައިނާގެ އިޤްތިޞާދުވަނީ 6.8 އިންސައްތަ ދަށަށް ޖެހިފައެވެ.

ޗައިނާއިން އުފައްދާ އިލެކްޓްރޯނިކް ސާމާނާއި ކޯވިޑުން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނަށް ދުނިޔެއިން ބޭނުން ޖެހިފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން، ޗައިނާގެ އިޤްތިޞާދަކީ މިދިޔަ އަހަރުގައި ކުރިއެރުން ލިބުނު ހަމައެކަނި ބޮޑު އިޤްތިޞާދަށްވާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުގައި އެ ޤައުމުގެ އިޤްތިޞާދަށް 2.1 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވަނީ އަންދާޒާކޮށްފައެވެ.

ޗައިނާގެ ތަކެތި އުފެއްދުމުގެ ސިނާޢަތަށާއި އެކްސްޕޯޓު ވިޔަފާރި އަދިވެސް ތިޔާގިކޮށް އޮތްނަމަވެސް އެ އުފެއްދުންތައް ބާޒާރުގައި ވިކޭ ނިސްބަތް ލަސްވުމަކީ އެކަށީގެންވާކަމެއްކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ. އިޤްތިޞާދުގެ ދެބައި ކުޅަ އެއްބައި ބިނާވެފައިވަނީ ތަކެތި ބޭނުންކުރާ މިންވަރުގެ މައްޗަށް ކަމުން އިޤްތިޞާދަށް ކުރިއެރުން ލިބޭ މިންވަރަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއްވަނީ ކުރިމަތިވެފައެވެ.

ޖަޕާނުގެ ނޮމޫރާ ކުންފުނީގެ އެނަލިސްޓުން ބުނީ ކޯވިޑްގެ ސަބަބުން ޗައިނާގެ ޙާލަތު ގޯސްވަމުން ދިއުމަކީ އެ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރާނެ ކަމެއްކަމަށާއި ކުރިއަށް އޮތް އައު އަހަރުގެ ޗުއްޓީގެ ތެރޭގައި މުދަލާއި ޚިދުމަތްތަކަށް ލިބޭ ތަރުހީބު ކުޑަވާނެތީ އެކަމަށް ވިޔަފާރިތަކުން ތައްޔާރަށް ތިބެންވާނެކަމަށެވެ. މިހާރު ބަލިފެތުރޭ ގޮތާއި އެ ޤައުމުގައި އަޅާފައިވާ އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކުން އެ އަންދާޒާއަށް ބާރުދޭކަމެއްކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ. ނަމަވެސް އިނގިރޭސިވިލާތުގައި މަރުކަޒުވެފައިވާ ކެޕިޓަލް އެކޮނޮމިކްސްގައި މަސައްކަތްކުރައްވާ ޗައިނާގެ އިޤްތިޞާދާއިގުޅޭ އިސް މާހިރެއްކަމަށްވާ ޖޫލިއަން އީވަންސް-ރިޗާޑް ވިދާޅުވީ ވައިރަހުގެ ދެވަނަ ރާޅެއް ޗައިނާގައި ފެތުރުމަކީ އެ ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަކަށްވެސް ވެދާނެކަމަށެވެ.

ޗުއްޓީއާއި ދިމާކޮށް ދަތުރުނުކުރުމަށް ސަރުކާރުން ގޮވާލާފައިވާ ގޮވާލުމަށް މުދާ އުފައްދާ ވިޔަފާރިތަކުން ތާއީދުކުރާ މައިގަނޑު ސަބަބަކީ ޗުއްޓީ ތެރޭގައި ކާރުޙާނާތައް ހުޅުވާފައި ބަހައްޓައިގެން އިތުރަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.